ENGLISH

16 ޖޫން 2026

Advertisement

ޕާޓޭއަށް ކެނެޑާއިން ވިސާ ނުދިން މައްސަލަ ގާނާ ސަރުކާރުން ކޯޓަށް ހުށަހަޅައިފި

16 ޖޫން 2026

|

ސުވެއިދާ ހުސެއިން

ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ: ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ނުދިނުމުން ފުރަތަމަ މެޗުގައި އޭނާއަށް ބައިވެރިނުވެވޭނެ -- ފޮޓޯ: ގެޓީ

މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ކެނެޑާއިން ވިސާ ދޫކުރުމަށް އިންކާރުކުރި މައްސަލަ އަލުން މުރާޖާކޮށްދިނުމަށް އެދި ގާނާ ސަރުކާރުން ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން، ބުދަ ދުވަހު ޓޮރޮންޓޯގައި ޕެނަމާއާ ދެކޮޅަށް ގާނާއިން ކުޅޭ ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ޕާޓޭއަށް ބައިވެރިއެއް ނުވެވޭނެއެވެ. އުމުރުން 33 އަހަރުގެ ޕާޓޭއަށް ވިސާ ދިނުމަށް ކެނެޑާއިން ދެކޮޅު ހެދީ، އިނގިރޭސިވިލާތުގައި އޭނާގެ މައްޗަށް ހިނގަމުންދާ ޖިނާއީ މައްސަލަތަކަކާ ގުޅިގެންނެވެ.

2020 އާއި 2022 އާ ދެމެދު ހަތަރު އަންހެނަކު ކުރި ތުހުމަތުތަކާ ގުޅިގެން، ރޭޕްކުރުމުގެ ހަތް ދައުވާއަކަށާއި، ޖިންސީ ގޯނާގެ ދައުވާއަކަށް ޕާޓޭ ވަނީ އިންކާރުކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތް އަންނަ އަހަރު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ނުދިނުމާ ގުޅިގެން، އެ ނިންމުމަކީ އިންސާފެއް ނެތް، ހަރުކަށި ނިންމުމެއް ކަމަށް ސިފަކޮށް، ގާނާ ސަރުކާރުން އެދިފައިވަނީ ހަމައެކަނި މެޗުގައި ކުޅުމަށްޓަކައި ވަގުތީ ގޮތުން ޕާޓޭ ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ދިނުމަށެވެ. މީގެ އިތުރުން، އައު ވިސާ އެޕްލިކޭޝަނެއް ހުށަހަޅަން ފުރުސަތު ދިނުމަށް އިމިގްރޭޝަން އިދާރާއަށް އެންގުމަށްވެސް ކޯޓުގައި ވަނީ އެދިފައެވެ.

ގާނާގެ ފޮރިން މިނިސްޓަރު ސަމިއުލް އޮކުޑްޒެޓޯ އަބްލަކްވާ ވިދާޅުވި ގޮތުގައި މި ކުޅުންތެރިޔާއަށް ވިސާ ހޯދުމަށް ޑިޕްލޮމެޓިކް ފެންވަރުގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި ކެނެޑާގެ އިމިގްރޭޝަން އިދާރާއިން ކުރިން ބުނެފަިއވަނީ ބޮޑެތި މުބާރާތްތައް ބޭއްވި ނަމަވެސް އެ ގައުމުގެ އިމިގްރޭޝަން ގާނޫނުތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ވިސާ ދޫކުރާނީ އެ މީހެއްގެ މައުލޫމާތާއި ގާނޫނީ ހަމަތަކަށް ރިއާޔަތްކުރުމަށްފަހު ވަކިވަކިން ބެލުމަށްފަހު ކަމަށެވެ.

މިހާރު ސްޕެއިންގެ ވިޔަރެއާލްއަށް ކުޅެމުން އަންނަ ޕާޓޭ ވަނީ 2016 ވަނަ އަހަރުން ފެށިގެން ގާނާގެ ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. މުބާރާތުގެ ކުރިން ގާނާގެ ކޯޗު ކާލޯސް ކުއިރޯޒް ވަނީ ޕާޓޭ ޓީމަށް ނެގުމާމެދު އެއްވެސް ޖެހިލުމެއް ނެތް ކަމަށް ބުނެފައެވެ.

ގާނާގެ ދެން ހުރި މެޗުތައް އޮތީ އެމެރިކާގައެވެ. ނަމަވެސް ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ހޮވިއްޖެނަމަ، އަލުން ކެނެޑާއަށް ދާންޖެހުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު