ENGLISH
16 ޖޫން 2026
ފަލަސްތީނާއި އިސްރާއީލުގެ މެޗެއް ކުޅުވުމަށް ފީފާއިން މަސައްކަތްކުރަނީ
16 ޖޫން 2026
|
ފީފާގެ ރައީސް އިންފަންޓީނޯ، ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބު އާއި އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ބާސިމް ޝެއިޚް ސުލައިމާނާއެކު --- ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
އަންނަ ސެޕްޓެމްބަރު މަހު އެމެރިކާގައި ކުރިއަށްދާ ފީފާގެ ސިމްބޮލިކް، 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުން، ރަމްޒީ މެޗެއްގައި ފަލަސްތީނާއި އިސްރާއީލް ބައްދަލުކުރުވުމަށް ފީފާއިން މަސައްކަތް ފަށައިފިއެވެ.
މިއީ ރަސްމީ "ވޯލްޑް ކަޕް" ނޫން ނަމަވެސް، މި މުބާރާތުގައި ފީފާގެ މެންބަރު ހުރިހާ 211 ގައުމަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ތެރޭގައި ސަސްޕެންޑް ކުރެވިފައިވާ ރަޝިއާގެ ޤައުމީ ޓީމުވެސް ހިމެނެއެވެ.
ފީފާއިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުނެފައިވަނީ، މުބާރާތް ފެށުމުގެ މެޗާ މެދު ބޮޑެތި ރޭވުންތަކެއް ރާވާފައިވާ ކަމަށެވެ. އެއީ ފުޓްބޯޅައިގެ ޒަރީއާއިން ދުނިޔޭގައި ސުލްހަޔާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބޭނުންފުޅުވާތީ ކަމަށެވެ.
އެހެންނަމަވެސް މިދިޔަ އޭޕްރީލް މަހު ވެންކޫވަރގައި ބޭއްވި ފީފާ ކޮންގްރެސްގައި ފަލަސްތީނާއި އިސްރާއީލުގެ މަންދޫބުން ސަލާންކުރުވުމަށް އިންފަންޓީނޯ ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، އޭނާއަށް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައެވެ. އިންފަންޓީނޯ ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް، ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބު ވަނީ އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ބާސިމް ޝެއިޚް ސުލައިމާނާއެކު ހުއްޓި ހުރުމަށް އިންކާރުކުރައްވާފައެވެ.
ކަންމިހެން އޮތް ނަމަވެސް އިންފަންޓީނޯ މިހާރު ރާވަމުންދަނީ 15 އަހަރުން ދަށުގެ މުބާރާތް ފަށާ މެޗުގައި ފަލަސްތީނާއި އިސްރާއީލް ކުޅުވުމަށެވެ. މުބާރާތް ބާއްވާނެ ވަކިތަނެއް އަދި ކަނޑަނޭޅި ނަމަވެސް، ފީފާގެ އޮފީސްތައް ހުންނަ މަޔާމީގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެއެވެ.
ފަލަސްތީނާއި އިސްރާއީލުގެ ސިޔާސީ މައްސަލައިގެ ތެރެއަށް ވަނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ފީފާގެ މަސްދަރުތަކުން އެކަން ދޮގުކުރެއެވެ. އިންފަންޓީނޯ ވިދާޅުވީ ފީފާގެ މެންބަރުންގެ ގޮތުގައި ފަލަސްތީނާއި އިސްރާއީލުގެ ހަމަހަމަ ހައްގުތަކާއި، ޒިންމާތަކެއްވާ ކަމަށާއި، ދުނިޔޭގެ ހުރިހާ ކުދިންނަށް އުއްމީދެއް ހޯދައިދިނުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ނަމަވެސް ފަލަސްތީނުގެ ފަރާތުން މިކަމަށް މަރުހަބާ ކިޔާފައެއް ނުވެއެވެ. ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ސޫޒަން ޝަލަބީ ވިދާޅުވީ އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ފޮރުވުމަށް އެމީހުން ބޭނުންކުރާ ބަޔަކާ ސަލާންކުރެވެން ނެތް ކަމަށެވެ.
މި ހުރިހާ ކަމަކަށް ބަލާނަމަ ފީފާއިން މަސައްކަތް ކުރި ނަމަވެސް، ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ނިމުމަކަށް އައިސްގެން މެނުވީ، އެއްގަލަށް އަރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.