ENGLISH

16 ޖޫން 2026

Advertisement

ލަމޫޗީގެ ބަދަލުގައި ޓިއުނީޝިއާގެ ކޯޗަކަށް ރެނާޑް

16 ޖޫން 2026

|

އިސްމާއިލް ޝާހު

ޓިއުނީޝިއާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ފްރާންސްގެ ހާވޭ ރެނާޑް --- ފޮޓޯ: ފީފާ.ކޮމް

ޓިއުނީޝިއާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ފްރާންސްގެ ހާވޭ ރެނާޑް އައްޔަންކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗަށްފަހު، ޓިއުނީޝިއާގެ ކޯޗުގެ މަގާމުން ސަބްރީ ލަމޫޗީ ވަކިކޮށް، އެ މަގާމަށް ރެނާޑް އައްޔަންކުރިކަން އެ ގައުމުން ވަނީ އިއުލާންކޮށްފައެވެ. ރެނާޑް މި މަގާމާ ހަވާލުވީ މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށެވެ.

ލަމޫޗީ މަގާމުން ވަކިކޮށްފައިވަނީ، މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުން ސްވިޑަން އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިވުމާ ގުޅިގެންނެވެ.

ޓިއުނީޝިއާގެ ޓީމާ ރެނާޑް ހަވާލުވީ މި މުބާރާތް ނިމެންދެން ކަމަށް ވިޔަސް، މުބާރާތަށްފަހު އޭނާގެ އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު އޮތްކަމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ޓިއުނީޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 57 އަހަރުގެ ފްރާންސަށް އުފަން ރެނާޑް ވަގުތުން ޓީމާ ހަވާލުވާނެ ކަމަށެވެ. ރެނާޑަކީ އެންމެ ފަހުން ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ސައުދީ އަރަބިއްޔާގެ ކޯޗުކަންވެސް ކޮށްފައިވާ ކާމިޔާބު ކޯޗެކެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބޮޑެތި ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ރެނާޑް ވަނީ، 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިކޮށްދީ، އެ މުބާރާތުގައި އެ ގައުމަށް އިރުޝާދުދީފައެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި، އެ އަހަރުގެ މުބާރާތް ކާމިޔާބުކުރި އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާއިން ހޯދި ހައިރާންކުރުވަނިވި މޮޅުގެ ފަހަތުގައި ހުރީވެސް އޭނާއެވެ. އަދި 2023 ވަނަ އަހަރު ބޭއްވި އަންހެނުންގެ ވޯލްޑް ކަޕުގައި ފްރާންސްގެ ގައުމީ ޓީމަށް ކޯޗުކަންކޮށްދީ، އެ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފައިވެއެވެ.

ރެނާޑް ވަނީ މީގެ ކުރިން ޒެމްބިއާ އާއި އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށްވެސް ކޯޗުކަންކޮށްދީފައެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ޒެމްބިއާއާއެކު އަދި 2015 ވަނަ އަހަރު އައިވަރީ ކޯސްޓާ އެކު އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ކާމިޔާބުކޮށް، ދެ ތަފާތު ގައުމަކަށް މި މުބާރާތް ކާމިޔާބުކޮށްދިން ފުރަތަމަ ކޯޗުގެ ޝަރަފު ހޯދާފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ޓިއުނީޝިއާއިން ދެން ނުކުންނާނީ މި މަހުގެ 20 ވަނަ ދުވަހު މޮންޓެރޭގައި ޖަޕާނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު