ENGLISH

16 ޖޫން 2026

Advertisement

އީރާނަށް އިންވެސްޓުކުރަން 300 މިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރަން އެމެރިކާއިން ވިސްނަނީ

16 ޖޫން 2026

|

މުހައްމަދު ޖަމްޝަތު

އީރާނު އަލުން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރަނީ، އެގައުމުގައި އިންވެސްޓުކުރަން ބޭނުންވާ އަމިއްލަ ކުންފުނިތަކަށް ފަންޑުގައި ބައިވެރިވޭ ގޮތަށް ހުޅުވާލައިގެން، ފޮޓޯ: ގެޓީ އިމޭޖްސް

ނިއުކުލިއާ ޕްރޮގުރާމާ ގުޅޭ އެއްބަސްވުމެއް ހިމެނޭ ގޮތަށް ހަނގުރާމަ ނިންމައިލުމަށް އީރާނުން ދާއިމީ އެއްބަސްވުމެއް ގާއިމުކުރާނަމަ، އެގައުމު އަލުން އާރާސްތުކުރުމަށް އިންވެސްޓުކުރަން 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުމަށް އެމެރިކާއިން ވިސްނަމުންދާކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފިއެވެ. 

އީރާނާއެކު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން އީރާނު އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުމާއެކު އީރާނާ ދެކޮޅަށް އަޅާފައިވާ ލޯނުތަކަށް ލުއިތަކެއް ހަމަޖައްސައިދިނުމާމެދު އެމެރިކާއިން މަޝްވަރާކުރަމުންދާކަމަށް އެގައުމުގެ އިސް މަސްއޫލުވެރިޔަކު ފައިނޭންޝަލް ޓައިމްސް ނޫހަށް މައުލޫމާތު ދީފައިވެއެވެ. މި ލުއިތައް އީރާނަށް ހަމަޖައްސައިދޭނީ ހުކުރުދުވަހު އީރާނާއި އެމެރިކާގެ މެދުގައި ގާއިމުކުރި ފަހުމުނާމާއަށް އީރާނުން އަމަލުކުރާ މިންވަރެއްގެ މައްޗަށް ބިނާކޮށްކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ. 

އެ ފަހުމުނާމާގެ ދަށުން މިހާރު ދެ ގައުމުގެ މެދުގައި ގާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން އިތުރު 60 ދުވަހަށް ދިގު ދަންމާލައިފާވެއެވެ. އަދި އެއަށްފަހުގައި ނިހާއީ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތްކުރާނެއެވެ. އަދި އެ މުއްދަތުުގައި ހުރްމޮޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއެކު ނިއުކުލިއާ ޕްރޮގުރާމުގެ މުސްތަގުބަލާމެދު މަޝްވަރާކުރާނެއެވެ. 

މި ފަންޑަކީ ސަރުކާރުތަކުން ބައިވެރިވާ ގޮތަށް ފަރުމާކުރާ ފަންޑެއް ނޫންކަމަށް ފައިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދެއްވި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ފަންޑު އުފައްދަނީ ހަކަތައިގެ ވަސީލަތްތަކުގެ ތަނަވަސްކަން ލިބިފައިވާ އީރާނުގައި އެކި ދާއިރާތަކުން އިންވެސްޓުކުރަން ބޭނުންވާ ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށެވެ. ނަމަވެސް ފަންޑު ބަލަހައްޓަން ކަނޑައަޅާފައިވާ ގޮތާއި، އޮނިގަނޑުގެ ތަފުސީލުތައް މިހާތަނަށް ނިމިފައިނުވާކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކުރިއެވެ. 

"މިފަންޑަށް އިންވެސްޓުުކުރަން ޔޫރަޕާއި އޭޝިޔާއާއި ދެކުނު-ކޮރެއާއާއި ޖަޕާނާއި އެމެރިކާގެ ވިޔަފާރިތަކާއި ކުންފުނިތަކުގެ ޝައުގުވެރިކަން އެބަހުރި. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ އެ ފަންޑު ވަރަށް ބޮޑުވާނެ ކަމުގައި ބެލެވޭ،" ނަން ހާމަނުކުރާ ގޮތަށް މައުލޫމާތު ދެއްވި އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. 

ސީބީއެސް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް ވިދާޅުވީ އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް އީރާނުން އިހުތިރާމުކުރާނަމަ މި 300 ބިލިއަން ޑޮލަރުގެ ފަންޑު ފަދަ ވަސީލަތްތަކަށް ވާސިލުވުމުގެ މަގުތައް އެގައުމަށް ފަހިވާނެ ކަމަށެވެ. 

އީރާނާއި އެމެރިކާގެ ފަހުމުނާމާއަށް ފާޑުވިދާޅުވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ފަހުމުނާމާގެ ދަށުން އީރާނަށް ހަމަޖައްސައިދޭ މާލީ ލުއިތަކަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ދެ ގައުމުގެ މެދުގައި ގާއިމުކުރި އެއްބަސްވުމުން އީރާނަށް ލިބުނު ލުއިތަކަށްވުރެ މާ ބޮޑެތި ލުއިތަކެކެވެ. 

ނަމަވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އީރާނަށް ދެވޭ އެއްވެސް ލުޔެއް ދޭނީ މަރުހަލާތަކަކަށް ބަހާލައިގެން، ދެ ގައުމުގެ މެދުގައި ކުރެވޭ މަޝްވަރާތައް ކުރިއަށްދާ މިންވަރަކުން، ރަސްމީ އެއްބަސްވުމަކަށް ވާސިލުވެވުމުގެ މައްޗަށް ބިނާކޮށެވެ. 

ހުކުރުދުވަހު ގާއިމުކުރި ފަހުމުނާމާގެ ދަށުން އީރާނާއި އެމެރިކާއިންވަނީ އީރާނުގައި ހުރި މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ނައްތައިލާނެ ގޮތުގެ އިންތިޒާމެއް ހަމަޖެއްސުމަށް އެއްބަސްވެފައެވެ. އަދި އެ ފަހުމުނާމާގެ ދަށުން ނިއުކުލިއާ ޕްރޮގުރާމާ ގުޅޭ ގޮތުން އީރާނުން އަދާކުރަންޖެހޭ އެންމެ ކުޑަ އިލްތިޒާމަކީ އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީގެ ބެލުމުގެ ދަށުން އީރާނުގައި ހުރި ޔުރޭނިއަމް އެކީ މަދުކުރުން ނުވަތަ ނައްތައިލުމެވެ. 

ކިޔުންތެރިންގެ ހިޔާލު