ENGLISH

16 އޭޕްރީލު 2025

Advertisement

ވައްކަން ކުރި މީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ނުކުރުމަށް އިލްތިމާސްކޮށްފި

15 އޭޕްރީލު 2025

|

ޢަލީ ޝާހީން

އެޗްއާރްސީއެމް

ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ކ. މާފުށީގައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީ) އިން އިލްތިމާސްކޮށްފި އެވެ.

އެކޮމިޝަނުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، ކ. މާފުށީގައި ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ ޢަމަލުތައް ފެންނަ ވީޑިއޯ ޢާންމު ނުކުރުމަށާއި، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާކަމަށެވެ. 

މިކަމާއި ގުޅިގެން އެކޮމިޝަނުން ބުނީ މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދިފައެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން އެޗްއާރްސީން ބުނީ އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް އެ ކޮމިޝަނުން އިލްތިމާސް ކުރާކަމަށެވެ. 

އެޗްއާރުސީން މިގޮތަށް އިލްތިމާސް ކޮށްފައިވަނީ ވައްކަން ކުރި މީހެއްގެ މުޅި ގަޔަށް ދަވާދު އަޅާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު