ENGLISH

18 އޭޕްރީލު 2025

Advertisement

ރޯދަމަހު ފުލުހަށް ހުށަހެޅި މައްސަލަތައް 17.2 އިންސައްތަ މަދު

15 އޭޕްރީލު 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ރަމަޟާން މަހު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ޖުމްލަ މައްސަލައިގެ އަދަދު، މިދިޔަ އަހަރުގެ ރަމަޟާން މަހާ އަޅާބަލާއިރު 17.2 އިންސައްތަ މަދުވެއްޖެއެވެ. 

ފުލުހުން މިއަދު ވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހާއި މިއަހަރުގެ ރަމަޟާން މަހު ހުށަހެޅުނު މައްސަލައިގެ އަދަދުތަކުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ. 

މީސްމީޑިއާގައި ފުލުހުން އާއްމުކުރި ތަފާސްހިސާބުގައި ވާގޮތުން 2024 ވަނަ އަހަރުގެ ރަމަޟާން މަހު އެ އިދާރާއަށް ހުށަހެޅުނީ 1563 މައްސަލައެވެ. މިއަހަރުގެ ރަމަޟާން މަހު ފުލުހަށް ހުށަހެޅިފައިވަނީ 1293 އެވެ. ދެއަހަރުގެ ތަފާސްހިސާބު ފަރަގު ކުރާއިރު މިއަހަރުގެ ރަމަޟާން މަހު ހުށަހެޅުނު މައްސަލައިގެ އަދަދު ވަނީ 17.2 އިންސައްތަ މަދުވެފައެވެ. 

މިއަހަރުގެ ރަމަޟާން މަހު ހައްޔަރުކުރި މީހުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހު އެކި މައްސަލަތަކުގައި 308 މީހުން ހައްޔަރު ކުރިއިރު މިއަހަރުގެ ރަމަޟާން މަހު ހައްޔަރުކުރީ 196 މީހުންނެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ ހައްޔަރުކުރި މީހުންގެ އަދަދު 36.6 އިންސައްތަ ދަށްވެފައިވެއެވެ. 

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ އަދަދު މިއަހަރު މަދުވި ނަމަވެސް، މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި، ހުށަހެޅުނު ޖުމްލަ މައްސަލައިގެ އަދަދު މަދުވިޔަސް، ސްކޭމްގެ މައްސަލަތަކާއި ސައިބާކްރައިމްގެ މައްސަލަތައް އިތުރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުންގެ ތަފާސްހިސާބުގައި ވާގޮތުން މިދިޔަ ރަމަޟާން މަހު ސްކޭމްގެ 72 މައްސަލަ ހުށަހެޅުނުއިރު މިއަހަރު 103 މައްސަލަ ވަނީ ހުށަހެޅިފައެވެ. އެއީ 31 މައްސަލައިގެ އިތުރުވުމެކެވެ. 

މިއަހަރުގެ ރަމަޟާން މަހު އެންމެ ގިނައިން ހުށަހެޅުނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 388 މައްސަލަ ހުށަހެޅުނުއިރު، ދެން އެންމެ ގިނައީ ވައްކަމުގެ 342 މައްސަލައެވެ. ވައްކަމުގެ މައްސަލަތަކުގައި 60 މީހުން ހައްޔަރުކުރިއެވެ.

މަސްތުވާތަކެތީގެ 114 މައްސަލަ މިއަހަރުގެ ރަމަޟާން މަހު ހުށަހެޅުނުއިރު، އޭގެތެރެއިން 94 މީހުން ވަނީ ހައްޔަރުކޮށްފައެވެ. 

ގެވެށި އަނިޔާގެ 29 މައްސަލަ މިއަހަރު ހުށަހެޅުނުއިރު ކުޑަކުދިންނަށް އަނިޔާކޮށްގެން 24 މައްސަލަ ވަނީ ހުށަހެޅިފައެވެ. މުދަލަށް ގެއްލުން ދިނުމުގެ 64 މައްސަލަ ހުށަހެޅުނުއިރު ބިރުދައްކައިގެން ހުށަހެޅިފައިވަނީ 62 މައްސަލައެވެ. އަދި، ފޭރުމުގެ 23 މައްސަލަ މިއަހަރުގެ ރަމަޟާން މަހު ވަނީ ހުށަހެޅިފައެވެ. 

ފުލުހުން ބުނީ ތަފާސްހިސާބުތަކަށް ބަލައި ރައްކާތެރިކަމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އިތުރުކުރާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު