ENGLISH
18 އޭޕްރީލު 2025
ފެނަކައިގެ ޕެޓީކޭޝް ނަހަމަގޮތުގައި ބޭނުންކުރި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދަޢުވާ ކޮށްދޭން އެދިއްޖެ
15 އޭޕްރީލު 2025
|
ފެނަކަ އޮފީހުގެ ނަންބޯޑެއް -- ފައިލްފޮޓޯ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކަށް ދޫކުރެވިފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ފޮނުވައިފި އެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުރި އަޙްމަދު ސާތިޝް ސަޢީދު (ހަސީނީވިލާ، ސ.ފޭދޫ) އާއި، ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއަރ އިންޖިނިއަރގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާޞިދު (ނިރޮޅުމާގެ، ތ.ތިމަރަފުށި) އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަޤާމުގައި އޭރު ހުރި ޙުސައިން އާސިރު (ފަޅޯމާގެ، ސ.ފޭދޫ) ގެ މައްޗަށެވެ.
ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް، އަޙްމަދު ސާތިޝް ސަޢީދު އާއި، މުޙައްމަދު ޢާޞިދު އަދި ޙުސައިން އާސިރު ބޭނުންކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ކުށެއްކުރަން އެދުމުގެ ކުށުގެ ދަޢުވާ އާއި ކުށެއްކުރަން ރޭވުމުގެ ކުށުގެ ދަޢުވާ އާއި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އެވެ.
އަދި މި މައްސަލައިގައި، 623,208.80 ރުފިޔާ (ހަސަތޭކަ ތޭވީސް ހާސް ދުއިސައްތަ އަށް ރުފިޔާ އަށްޑިހަ ލާރި) އަނބުރައި ހޯދުމަށް ވެސް ކޮމިޝަނުން ވަނީ ފެނަކައަށް އަންގާފަ އެވެ.
އަދި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވޭތީ، އެކަން ތަޙުޤީޤު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށް ވެސް އޭސީސީން ވަނީ ނިންމާފަ އެވެ.