ENGLISH

08 ޖުލައި 2025

Advertisement

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން؛ ދުނިޔޭގެ ސަމާލުކަމަށް

15 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް، ފޮޓޯ: ރައީސް އޮފީސް

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައި، އެ ޤާނޫނަށް އަމަލުކުރަން މިއަދު ފެށުމާއެކު ދުނިޔޭގެ ސަމާލުކަން އެ ނިންމުމަަށް ލިބިއްޖެއެވެ. 

އެގޮތުން އަލްޖަޒީރާ އިންގްލިޝްގައި އެ ޚަބަރު ރިޕޯޓުކޮށްފައިވާއިރު، އެ ޓީވީން ފާހަގަކުރި ގޮތުގައި މިއަދު ރައްޔިތުންގެ މަޖިލީހުން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާވާ ބިލު ފާސްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީގުކުރެއްވިއެވެ. 

އަދި ރައީސް މި ޤާނޫނު ތަސްދީގުކުރެއްވުމަކީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އުދުވާނާ ދިވެހިރާއްޖެއިން ދެކޮޅުހަދާކަން ދައްކުވައިދޭ އަލިގަދަ ހެއްކެއްކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކުރިކަން އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. 

އަލްޖަޒީރާގެ އިތުރަށް އިސްރާއީލުގެ މީޑިޔާތަކާއި ޢަރަބި ޤައުމުތަކުގެ މީޑިޔާއިން ދިވެހި ދައުލަތުގެ މި ނިންމުން ރިޕޯޓުކޮށްފައިވެއެވެ. އަދި ގިނަ ބަޔަކު އަންނަނީ ދައުލަތުގެ ކުޑަކަމާއެކުވެސް ރާއްޖެއިން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކަކީ ހިތްވަރުގަދަ ފިޔަވަޅުތަކެއްކަން ފާހަގަކޮށް ތާރީފުކުރަމުންނެވެ. 

އެގޮތުން އެކްސްގަައި ރާއްޖޭގެ ނިންމުމަށް ތާރީފުކޮށް ޕޯސްޓެއްކުރި އަރަބި ގައުމެއްގެ މީހަކު ބުނެފައިވަނީ ގިނަ އަރަބި ގައުމުތަކަށް މިފަދަ ނިންމުމެއް ނިންމަން މިހާރު ނުކެރޭނެ ކަމަަށެވެ. އަދި ކުޑަަކުޑަ ރާއްޖެއިން އިސްލާމީ އުންމަތަށް ދައްކައިދިނީ ފުރިހަމަ ނަމޫނާއެއް ކަމުގައި އޭނާ ފާހަގަކުރިއެވެ. 

އިތުރު މީހަކު ބުނެފައިވަނީ ރާއްޖެއިން އެޅި މިފިޔަވަޅަކީ އެހެނިހެން ގައުމުތަކަށްވެސް އިސްރާއީލާ ދެކޮޅަށް އެ ގައުމެއްގެ ނިސްބަތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް އައްސަރިބަހާއި ސާބަަސް ރައްދުކޮށް މި ނިންމުމުގައި ސާބިތުވެ ދެމިތިބުމަށް އޭނާ ހިތްވަރުދިނެވެ. 

އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ އިއްޔެއެވެ. 

މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު