ENGLISH
08 ޖުލައި 2025
ލައިސަންސް ނެގުމަށް 60 އަހަރުން މަތީގެ މީހުންނަށް ހުރަހެއް ނެތް، އިތުރަށް ފަސޭހަކޮށް ދިނީ: މިނިސްޓްރީ
15 އޭޕްރީލު 2025
|
ޓްރާސްޕޯޓް މިނިސްޓަރު އަމީން -- ފޮޓޯ: ރައީސް އޮފީސް
އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަޙައްދެއްގައި ދުއްވުމަށް 60 އަހަރު ފުރިފައިވާ މީހުންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާދިއްތަ ދުވަހު ގެޒެޓް ކުރި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ޤަވާއިދުގެ އިސްލާޙާއި ގުޅޭގޮތުން ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތަކާއި ގުޅިގެން މިނިސްޓްރީން ބުނީ އުމުރުން 60 އަހަރުން މަތީ މީހުންނަށް ކާރު ދުއްވުން މަނާކުރަން ނިންމާފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ހަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުން ކަމަށެވެ.
އެކަމާއި ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އިސްލާޙުގެ ދަށުން އުމުރުން 60 އަހަރު ފުރިފައިވާ ދިވެހީންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ހުއްދަ އާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސްއެއް ބާތިލު ނުވާނެ ކަމަށެވެ.
މިފަދަ ހުއްދައެއް ތަޢާރަފު ކުރުމުގެ މައިގަނޑު މަޤުސަދަކީ އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޤަވާއިދުގައި ބަޔާން ކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާއި ނުލައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުން މަތީ މީހުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތްތަކެއްގެ އުޅަނދުތައް ދުއްވުމަށް ޤަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގު ފަހިކޮށް ދިނުން ކަމަށް ވެސް ބުންޏެވެ.
އެހެން ކަމުން އިސްރަށްވެހީންނަށް ޤަވާއިދުގެ ތެރެއިން ފަސޭހަކޮށް، ހެޔޮ ބަދަލުގެ މަޤުސަދު ގެއްލޭގޮތަށް ވާހަކަތައް ނުފެތުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.