ENGLISH
17 އޭޕްރީލު 2025
ރައީސް, ބިލް ތަސްދީގު ކުރައްވައިފި، ދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެ
15 އޭޕްރީލު 2025
|
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފި އެވެ. މިއާއެކު އިޒްރޭލުގެ ޕާސްޕޯޓުގައި ދެން ރާއްޖެއަށް އެއްވެސް މީހަކު އެތެރެ ނުވެވޭނެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން އެ އިސްލާހް ގެނައުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުނަށް ދެން ރާއްޖެ އެތެރެނުވެވޭނެ ގޮތައް ގެނައި އިސްލާހް ރައީސް ތަސްދީގު ކުރައްވާފައި މިވަނީ މަޖިޅީހުން އެ ބިލު ތަސްދީގު ކުރިތާ ކުޑައިރުކޮޅެއްްގެ ތެރޭގެ އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލީހުން ފާސްކޮށްފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލަތާ ގުޅިގެންނެވެ. އެ ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން އަންނަނީ ދުނިޔެއަށް ގޮވާލަމުންނެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ފާސްކުރިއިރު އިޒްރޭލު ފާސްޕޯޓް މަނާކޮށްފައިވާ 13 ޤައުމު މިހާރުވެސް އެބަ އޮތެވެ.
ރާއްްޖޭގެ އިތުރުން ޕާސްޕޯޓް މަނާކޮށްފައިވާ ޤައުމުތަކަކީ އަލްޖީރިއާ،ބަންގްލަދޭޝް، ބުރުނާއީ،އިރާން،އިރާޤު، ކުވައިތު، ލުބްނާން، ލީބިއާ، މެލޭޝިއާ،ޕާކިސްތާން، ސައުދިއަރަބިއްޔާ،ސީރިއާ އަދި ޔަމަނެވެ.