ENGLISH
08 ޖުލައި 2025
ވަޤުފް ޢިމާރާތްތަކުގެ މަޝްރޫޢުތަކަށް ބީއެމްއެލް އިސްލާމިކުން 350 މިލިއަން ރުފިޔާގެ ލޯނެއް
15 އޭޕްރީލު 2025
|
ދާރުލް އަރްޤަމް ވަޤުފް
ވަޤުފް ޢިމާރާތްތަކުގެ މަޝްރޫޢުތަކަށް ބީއެމްއެލް އިސްލާމިކުން 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯނެއް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެމަނިކުފާނު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދަކީ ވަޤުފް ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދު ކަމަށާއި، އޭގެ ބޭނުމަކީ އިސްލާމީ ޚިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ. އަދި އިސްލާމީ ވަޤުފު ފަންޑު ތަރައްގީ ކުރުމަށްޓަކައި ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އެ މަސައްކަތްތަކުގެ ތެރެއިން، އިސްލާމިކް ވަޤުފް ފަންޑުން ހޭދަކުރާ ދާއިރާތައް ފުޅާކުރުމަށާއި، ދާރުލްއީމާން ބިލްޑިންގ އަކީ އިސްލާމީ ވަޤުފް ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމަށާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ހާއްސަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަށް ހެދުމަށާއި، އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްޤަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފް ފަންޑަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ފަންޑުގައި 15 މިލިއަން ރުފިޔާގެ ކޭޝް ވަޤްފު އުފެއްދިކަމުގެ ވަޘީޤާގައި ސޮއިކުރުމަށާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ފަންޑު' އާއި ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑު' އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްޤަމް' ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފަވާ ކަމަށެވެ. އަދި ވަޤުފް ފަންޑުގެ އިންވެސްޓްމަންޓުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައިވާކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްސަ ގޮތެއްގައި އެހެން އެއްވެސް ސަރުކާރަކުން އަހަންމިއްޔަތުކަން ނުދޭވަރަށް، ޒުވާން ޖީލު ދީނީ ކަންކަމުގައި ޝާމިލުކުރެއްވުމަށް އަހަންމިއްޔަތުކަން ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން، ޒުވާން ޚަޠީބުންނާއި މުޢައްޛިނުންގެ އިތުރުން ޙާފިޛުން ތަމްރީނުކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ފޮނި ނަތީޖާ މިހާރުވެސް ދަނީ ފެންނަމުންނެވެ. އޭގެތެރެއިން ރާއްޖޭގައި މުޅިން އަލަށް ބޭއްވުނު ބަންގި ގޮވުމުގެ މުބާރާތާއި، ޙާފިޛުން ދަސްވެނިވުމުގެ ރަސްމިއްޔާތަކީ މިކަމުގެ އަލިގަދަ ދެ ހެއްކެވެ. މީގެ އިތުރުން މިއަހަރުގެ ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު ދެ މިސްކިތް ކަމުގައިވާ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އާއި މަސްޖިދު މަލިކި ސަލްމާންގައި ތަރާވީޙް ނަމާދުގެ އިތުރުން ދަމުނަމާދުގައި އިވިގެންދިޔަ ޒުވާން އަޑުތައްވެސް މިކަމަށް ހެކިދެއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުން މިހާތަނަށް 250 ޚަޠީބުން ތަމްރީނުކޮށް ނިމިފައިވާ ކަމަށާއި، އަމާޒަކީ ދައުރު ނިމުމުގެ ކުރިން 1000 ޚަޠީބުން ތަމްރީނުކުރުން ކަމަށް ވަޒީރު ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.