ENGLISH
17 އޭޕްރީލު 2025
އެމްޑީޕީއަށް ބާރު ލިބިއްޖެނަމަ އިސްރާއީލު މީހުންނަށް ރާއްޖެއަށް އެތެރެވެވޭ ގޮތް ހަދާނެ: ފަލާހު
15 އޭޕްރީލު 2025
|
އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: މަޖިލިސް
އިދިކޮޅު އެމްޑީޕީއަށް އަލުން ވެރިކަން ލިބިއްޖެނަމަ އިސްރާއީލު ރައްޔިތުންނަށް އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވެވޭނެ ގޮތް ހަދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ހުށަހެޅުއްވި ބިލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ފެށިއިރު، އެ އަހަރު އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރުވެސް އިސްރާއީލު ޕާސްޕޯޓު މަނާކުރަން އެ ޕާޓީއަށް ނުކެރުނީ އިހުލާސްތެރި ހެޔޮ ނިޔަތެއް ނެތިގެން ކަމަށެވެ.
އަދި އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ކެރުނީ މި ސަރުކާރަށްކަން ފާހަގަކުރައްވަމުން އެފަދަ ބޮޑު ނިންމެވުމެއް ނިންމެވުމުގެ ކެރުމާއި ހިކުމަތްތެރިކަން ދައްކުވައިދެއްވީތީ ރައީސުލްޖުމްހޫރިއްްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ޙައްޤު ޝުކުރު އަދާކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ފަލާޙު އިތުރަށް ފާހަގަކުރެއްވީ އިސްރާއީލުން މީގެ ކުރިންވެސް ފަލަސްޠީނު ރައްޔިތުންނާމެދު ލާއިންސާނީ އަމަލުތައް ހިންގި ނަމަވެސް ރާއްޖޭގެ އެއްވެސް ވެރިޔަކަށް އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރައްވަން ކެރިވަޑައިނުގެންނެވި ކަމަށެވެ.
ފަލާހު އިތުރަަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް މާދަމާ ބާރެއް ލިބި ވެރިކަން ލިބުނު ނަމަވެސް އިސްރާއީލު ރައްޔިތުންނަށް އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމާފައި އޮތް ނިންމުން ބާތިލުކޮށް، އެމީހުންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުން އުފާ ހޯދުމުގެ ފުރުސަތު ފަހިކުރާނެ ކަމަށެވެ.
"ހިތާމައަކީ މާދަމާ އެމްޑީޕީއަށް ބާރެއް ލިބުނަސް އިޒްރޭލް ރައްޔިތުންނަށް މި ގައުމަށް އަންނަން ފުރުސަތު ލިބޭނެ. އެ ބޭފުޅުންނަށް މަޖިލީހުގެ ބާރު ލިބިއްޖިއްޔާ މަޖިލިސް މެދުވެރިކޮށް [ނުވަތަ] އެ ބޭފުޅުންގެ ސަރުކާރެއް އޮވެއްޖިއްޔާ ސަރުކާރު މެދުވެރިކޮށް އެ ދުވަކީ އިޒްރޭލް ރައްޔިތުންނަށް އަނެއްކާވެސް މި ގައުމުގެ ބީޗުތަކާއި މޫދު ތަންތަނުގައި ފަތަން ފުރުސަތު ލިބޭ ދުވަސް،" ފަލާހު ވިދާޅުވިއެވެ.
އޭގެ އިތުރަށް މިބިލާ ގުޅޭ ގޮތުން 241 ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި ބައިވެރިވުމުގެ ދައުވަތު އެމްޑީޕީއަށް ތަކުރާރުކޮށް ދިންކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެ ދައުވަތު ލިބިވަޑައިގަތްކަމަށް އެމްޑީޕީގެ ބޭފުޅުން ނުހެއްދެވި ކަމަށެވެ. އަދި މަޝްވަރާގައި ބައިވެރިވެވަޑައިނުގެންނެވި ކަމަށެވެ.
އަދި އެމްޑީޕީގެ މެންބަރެއްކަމަށްވާ މީކާއީލު މި ބިލު ހުށަހެޅުއްވި ހަގީގީ މަގުސަދަކީ އިސްރާއީލު ޕާސްޕޯޓު މަނާކުރުން ނޫންކަމަށާއި، އެ މަގުސަދަކީ ސިޔާސީ ގޮތުން ޕީއެންސީއަަށް ގެއްލުމެއް ދިނުންކަމަށްވެސް ފަލާހު ތުހުމަތުކުރެއްވިއެވެ.
"އެމްޑީޕީން މި ބިލު ހުށަހެޅީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ނިޔަތެއްގައެއް ނޫން. އެ ހުށަހެޅުއްވި މެންބަރު [މީކާއިލް] ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ، އަޅުގަނޑުމެން މިކަމެއް ނުކުރާނެއޭ، ކޮށްފި ނަމަ މި ގައުމުގެ އިގްތިސޯދު ފުނޑުފުނޑުވާނެއޭ، މި ގައުމުގެ ބަޑަށް ޖެހޭނެއޭ، އެެހެންވީމަ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ލިބެނޭއޭ. އެއީ އެމްޑީޕީގެ ނިޔަތް،" އޭނާ ވިދާޅުވިއެވެ.
މިއަދު ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. އަދި މި ބިލު ތަސްދީގުކުރެއްވުމާއެކު އިސްރާއީލު ޕާސްޕޯޓު މަނާކުރި 14 ވަނަ ގައުމަށް ދިވެހިރާއްޖެ ވާނެއެވެ.