ENGLISH
16 އޭޕްރީލު 2025
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ޝަންގްރިލާ ރިސޯޓް ހުޅުވުން އަވަސްކުރުމަށް މަޝްވަރާކޮށްފި
15 އޭޕްރީލު 2025
|
ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވުން އަވަސްކުރުމަށް ސަރުކާރުން އެ ރަށުގެ މެނޭޖުމަންޓާ މަޝްވަރާ ކުރަނީ-- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވުން އަވަސްކުރުމަށް ސަރުކާރުން އެ ރަށުގެ މެނޭޖުމަންޓާއި މަސްވަރާކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އައްޑޫގެ އިގްތިސާދާ ގުޅިފައިވާ 500 އެނދުގެ ރިސޯޓް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމްގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އަދި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެން އެ ރިސޯޓުގެ މެނޭޖުމަންޓާ މަޝްރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޝަންގްރިލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފަރ ފޮންގް ގެ އިތުރުން ޝަންގްރިލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރ ނިލޯ އަދި ޑިރެކްޓަރ އޮފް ގަވަރމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، ޝަންގްރިލާގެ ފަސް ސީނިއަރ އެގްޒެކެޓިވުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ކްރިސްޓޮފަރ ފޮންގް، އެ ރިޒޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިޒޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވިއެވެ. އަދި ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާޅުކުރައްވައި، މިކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މިއަދު ކުރެވުނު މަޝްވަރާގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފްޞީލީ ރޯޑްމެޕެއް އެކުލަވާލައި ރިޒޯޓު ހުޅުވުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިގަތްކަމަށް މިނިސްޓްރީން ބުނެއެވެ.
ޝަންގްރިލާ ނުހުޅުވި ދިގުލައިގެން ދިޔަ މައްސަލައާ ގުޅިގެން ފެބްރުއަރީ 2023 ވަނަ އަހަރު ސަރުކާރުން ވަނީ ޝަންގްރިލާގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފަ އެވެ.
ޝަންގްރިލާ ވިލިނގިލި ރިޒޯޓު އެންޑް ސްޕާ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމެއްކަން މަޝްވަރާގެ ބައިވެރިން ފާހަގަކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.