ENGLISH
27 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތަށް ބޮޑު ތަރުހީބެއް
27 ޖުލައި 2026
|
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އެތައް ބައެއްގެ ބައިވެރިވުމާއެކު، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ކުރިއަށްގެންގޮސްފިއެވެ.
މިރޭ، ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހެވިކަމާއި ކުޅިވަރުތެ މައިދާނީ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައްލަވާލައްވައިފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނާ އިސްތިޤްބާލުކުރެއްވީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސަސް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ޢިއްޒުއްދީން ފާލަމަށް ފައިބާވަޑައިގަތުމުން، އެމަނިކުފާނަށް އިސްތިޤުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
މިރޭގެ ހަރަކާތްތައް ރަސްމީ ގޮތުން ފެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައްޔާއި، 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.
މިރޭގެ ސްކޫލް ދަރިވަރުންގެ ހަރަކާތުގައި، ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފައެވެ.
މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތުންނެވެ.
މިރޭގެ އިޙުތިފާލުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.
ހަރަކާތް ކުރިއަށްދިޔަ ޖުމްހޫރީ މައިދާން ސަރަހައްދަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ. އަދި، ޕެރޭޑް ކުރިއަށްދިޔަ މަގުތަކަށްވެސް އެތައް ސަތޭކަ ބަޔަކު ޖަމާވިއެވެ.