ENGLISH

26 ޖުލައި 2026

Advertisement

ކޮމަންވެލްތު ގޭމްސް: ތަޒްކިޔާ އާއި ލޫތަށް ފެތުމުގެ އިތުރު ޤައުމީ ރިކޯޑުތަކެއް

26 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ އަމްނާ ތަޒްކިޔާ މިރުސާދު އާއި ލޫތު މުޙައްމަދު ހުސައިން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ތިންވަނަ ދުވަހު ކުރިއަށްދިޔަ އިވެންޓުތަކުގައި ރާއްޖޭގެ ގައުމީ ސްވިމިންގ ޓީމުގެ އަމްނާ ތަޒްކިޔާ މިރުސާދު އާއި ލޫތު މުޙައްމަދު ހުސައިން ޤައުމީ ރިކޯޑުތަކެއް އައުކޮށްފިއެވެ.

މި ދެ ރިކޯޑާއެކު މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފެތުންތެރިން މި ވަނީ ޖުމްލަ ހަ ޤައުމީ ރިކޯޑެއް އައުކޮށްފައެވެ.

މިއަދުގެ އިވެންޓުތަކުގައި ތަޒްކިޔާ އައުކުރީ ވިމެންސް ފްރީސްޓައިލް 100 މީޓަރު އިވެންޓުގެ ޤައުމީ ރިކޯޑެވެ. މި އިވެންޓުގައި ތަޒްކިޔާ ރިކޯޑް އައުކުރީ 1 މިނެޓު 2.74 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިންވެސް މި ރިކޯޑު އޮތީ ތަޒްކިޔާ އަތުގައެވެ. އެއީ އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް މުބާރާތުގައި 1 މިނެޓު 3.67 ސިކުންތުން އިވެންޓު ނިންމައިގެންނެވެ.

މިއަދުގެ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ލޫތު ރިކޯޑު ހެދީ 31.54 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިންވެސް މި ރިކޯޑު އޮތީ ލޫތުގެ އަތުގައެވެ. އެއީ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ މުބާރާތުގައި 31.81 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެެ.

މި ފަހަރުގެ ގޭމްސްގައި ކުރިން ރާއްޖޭން އައުކުރި ޤައުމީ ރިކޯޑުތަކަކީ އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މިރާލް އައިން ލަތީފް ހެދި ރިކޯޑާއި، ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މިކްސް ރިލޭ ޓީމުން ހެދި ރިކޯޑުގެ އިތުރުން، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް އާން ހެދި ޤައުމީ ރެކޯޑާއި، 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގައި ވާދަކޮށް ލޫތު އައުކުރި ޤައުމީ ރިކޯޑެވެ.

މި އަހަރުގެ ގޭމްސްގައި މާދަމާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގެ އިވެންޓުތައް ފެށިގެންދާނެއެވެ. 100 މީޓަރު އަންހެން އަދި ފިރިހެނުންގެ އިވެންޓުގެ އިތުރުން 800 މީޓަރުގެ އަންހެން އިވެންޓުތައް ހިމެނެއެވެ.  

އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް އާއި ސްވިމިންގ އިވެންޓުތަކުގައެވެ. މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ޗެފް ޑި މިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ. 

ކިޔުންތެރިންގެ ހިޔާލު