ENGLISH

26 ޖުލައި 2026

Advertisement

ބެލްޖިއަމްގެ ކޯޗަކަށް ވެން ބޮމެލް ހަމަޖެއްސުމާ ގުޅިގެން، އެ ނިންމުމަށް ކޯޓުއާ މަރުހަބާ ކިޔައިފި

26 ޖުލައި 2026

|

އިސްމާއިލް ޝާހު

ބެލްޖިއަމްގެ ތަޖުރިބާކާރު ގޯލްކީޕަރު ތިބައޫ ކޯޓުއާ --- ފޮޓޯ: ރޮއިޓަރސް

ބެލްޖިއަމްގެ ޤައުމީ ޓީމުގެ އައު ކޯޗަކަށް މާކް ވެން ބޮމެލް ހަމަޖެއްސުމާ ގުޅިގެން، އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ތިބައޫ ކޯޓުއާ އެ ނިންމުމަށް މަރުހަބާ ކިޔައިފިއެވެ. އަދި އޭނާގެ ބައިނަލްއަގުވާމީ ކެރިއަރު ކުރިއަށް ގެންދާނެތޯ ނިންމާނީ އައު ކޯޗާ މަޝްވަރާކުރުމަށްފަހު ކަމަށްވެސް އޭނާ ބުންޏެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުން ބެލްޖިއަމް ކެޓުމާ ގުޅިގެން، އޭރުގެ ކޯޗު ފްރާންސަށް އުފަން ރޫޑީ ގާސިއާގެ އެއްބަސްވުން އައުނުކުރުމަށް ފެޑެރޭޝަނުން ނިންމިއެވެ. ވެން ބޮމެލް ކޯޗުކަމާ ހަވާލުވީ އޭގެ ހަފުތާތަކެއް ފަހުންނެވެ. ކޯޓުއާ ބުނި ގޮތުގައި ނެދަލެންޑްސްގެ ކުރީގެ މިޑްފީލްޑަރު ވެން ބޮމެލްއަށް ކުޅުންތެރިންގެ ފުރިހަމަ އިހުތިރާމު ލިބޭނެއެވެ.

"އޭނާގެ ނަން މާކުރިންވެސް ދެކެވެމުން ދާތީ، މިއީ މާ ބޮޑު ސަޕްރައިޒެއް ނޫން،" ސްޕޮންސަރޝިޕް އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޓުއާ ބުންޏެވެ. "އޭނާއަކީ މޮޅު ކޯޗެއްކަން އެންޓްވަރޕުގައި ވަނީ ސާބިތުކޮށްދީފައި. ގިނަ ކުޅުންތެރިން އޭނާއާ ބެހޭގޮތުން ވާހަކަދައްކަނީ ވަރަށް ޕޮޒިޓިވްކޮށް، އެހެންކަމުން އޭނާއާއެކު މަސައްކަތްކުރަން އަހަރެން ހުރީ ކެތްމަދުވެފައި."

ކޯޓުއާ އިތުރަށް ފާހަގަކުރި ގޮތުގައި ވެން ބޮމެލްއަކީ އަމިއްލައަށް އެންމެ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެ، މިފަދަ މުހިންމު މެޗުތަކުގެ އިހުސާސްތައް ދަންނަ މީހެކެވެ. "އެފަދަ ތަޖުރިބާ ހުރި މީހަކަށް ވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފަރާތުން ގަދަރުވެސް ލިބޭނެ،" އޭނާ ބުންޏެވެ.

އުމުރުން 34 އަހަރުގެ ކޯޓުއާ، ވެން ބޮމެލްގެ އިރުޝާދުގެ ދަށުން ކުޅޭނެތޯ އަދި އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ. ވޯލްޑް ކަޕަށްފަހު ރެއާލް މެޑްރިޑުގެ ކީޕަރު ބުނެފައިވަނީ އޭނާ ޤައުމީ ޓީމަށް ކުޅެން ބޭނުންވަނީ ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުން ބްރޭކެއް ލިބޭ ގޮތަށް ކަމަށެވެ.

"ވޯލްޑް ކަޕަށްފަހުވެސް ޤައުމީ ޓީމަށް ކުޅެން އަހަރެން ބޭނުން. އެކަމަކު އެކަން ބިނާވާނީ ކޯޗާ ދެކެވޭ ވާހަކަތަކުގެ މައްޗަށް. ނޭޝަންސް ލީގު ދުވަސްވަރު ކުޑަ އަރާމެއް ބޭނުންވޭ، އެކަމަށް އެއްބަސްވުމަކަށް އާދެވޭތޯ ބަލާނަން. އޭގެ ފަހުން ކެރިއަރާ މެދު ގޮތެއް ނިންމާނީ،" ކޯޓުއާ ބުންޏެވެ.

ވޯލްޑް ކަޕުން ބެލްޖިއަމް ކެޓި މެޗާ ބެހޭގޮތުންވެސް ކޯޓުއާ ވާހަކަދެއްކިއެވެ. ސްޕެއިނާ ދެކޮޅަށް ކުޅުނު އެ މެޗުގައި ކޯޓުއާއަށް އަނިޔާވެގެން ބޭލުމުން، އޭނާގެ ބަދަލުގައި އެރި ސެން ލަމެންސްއަށް ހެދުނު ގޯހަކުން ސްޕެއިން ވަނީ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ކޯޓުއާ ބުނީ އެ މެޗުގައި އޭނާއަށް ކުޅުން ކުރިއަށް ގެންދެވޭނެ ކަމަށް އޭރުވެސް ގަބޫލުކުރި ކަމަށެވެ.

"އަހަންނަށް އިހުސާސްވީ ހަމައެކަނި ގޯލް ކިކް ނުޖެހޭނެ ކަމަށް. އެއީ ޑިފެންޑަރަކަށްވެސް ޖެހިދާނެ އެއްޗެއް. މެޗުގެ ތެރެއިން ބޯޅަ ޕާސްކޮށް ހެދުމުގައި މައްސަލައެއް ނެތް. އެކަމަކު ކޯޗު ބުނީ ސަތޭކަ އިންސައްތަ ފިޓު ނޫން ކުޅުންތެރިއަކު ނުކުޅޭނެ ކަމަށް. އެއީ މައްސަލައެއް ނޫން،" އޭނާ ކިޔައިދިނެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކުރީގެ ކޯޗު ގާސިއާއާ މެދު އެއްވެސް ބަދުބަހެއް ބުނަން ކޯޓުއާ ބޭނުމެއް ނުވިއެވެ. އޭނާ ބުނީ ކޯޗުގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި، އަމިއްލަ ނަފްސަށްވުރެ ޓީމު މުހިންމު ކަމަށެވެ. "އެއީ ސްޕެއިން ފަދަ ޓީމަކާ ދެކޮޅަށް ކުޅުނު މެޗަކަށްވުމުން ބޭރުވާން ޖެހުމުން ދެރަވި. އެކަމަކު ކޯޗުގެ ނިންމުމާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް،" ކޯޓުއާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު