ENGLISH
26 ޖުލައި 2026
ޖަޕާނުގެ ލެޖެންޑް ކިންގް ކަޒޫ، 59 އަހަރުގައި ރަސްމީ ލަނޑެއް ކާމިޔާބުކޮށްފި
26 ޖުލައި 2026
|
އެމްޕަރަރސް ކަޕުގައި އިވާކީ ފުރުކާވާ އަތުން ފުކުޝިމާ ޔުނައިޓެޑް މޮޅުވި މެޗުގައި ލަނޑު ޖެހުމަށްފަހު ޖަޕާނުގެ ލެޖެންޑް ކަޒުޔޯޝީ މިއުރާ (ކިންގް ކަޒޫ) އުފާފާޅުކުރަނީ ---
އެންމެ މަޤްބޫލު
ޖަޕާނުގެ ފުޓްބޯޅަ ލެޖެންޑް ކަޒުޔޯޝީ މިއުރާ، ގާތްގަނޑަކަށް 4 އަހަރަށްފަހު އޭނާގެ ފުރަތަމަ ރަސްމީ ލަނޑު ކާމިޔާބުކޮށްފިއެވެ. އުމުރުން 59 އަހަރުގެ މިއުރާ މި ލަނޑު ޖެހީ އެމްޕަރަރސް ކަޕުގައި ފުކުޝިމާ ޔުނައިޓެޑުން އިވާކީ ފުރުކާވާ 7-0 ގެ ނަތީޖާއަކުން ބަލިކުރި މެޗުގައެވެ.
"ކިންގް ކަޒޫ" ގެ ނަމުން މަޝްހޫރުވެފައިވާ މިއުރާ، ފުކުޝިމާގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 52 ވަނަ މިނެޓުގައެވެ. އުމުރުން 59 އަހަރާއި 149 ދުވަހުގައި އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއަށް ހުސްވެ، ޓީމުގެ ކުޅުންތެރިއަކު ދިން ބޯޅައެއް އެއްފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑާއެކު ދަނޑުމަތީގައި ތިބި ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުންގެ މެދުގައި އުފާފާޅުކުރަން ފެށުނުއިރު، އޭގެ ތިން މިނެޓު ފަހުން ތަޖުރިބާކާރު ފޯވާޑް ވަނީ ބަދަލުކޮށްފައެވެ.
މިއީ ނޮވެމްބަރު 2022 ގެ ފަހުން މިއުރާ ރަސްމީ މެޗެއްގައި ޖެހި ފުރަތަމަ ލަނޑެވެ. އެފަހަރު އޭނާ ލަނޑު ޖެހީ ސުޒުކާ ޕީޖީ (މިހާރުގެ އެތުލެޓިކޯ ސުޒުކާ) އަށް ކުޅުނު އިރުއެވެ.
ޖަޕާނުގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ 42 ވަނަ ސީޒަނަށެވެ. އެއީ ތިންވަނަ ޑިވިޝަނުގެ ފުކުޝިމާ ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ ލޯނު އެއްބަސްވުން 2027 ގެ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމާ ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރު މަހު ޔޮކޮހާމާ އެފްސީން ފުކުޝިމާއާ ގުޅުނު މިއުރާ، މި އަހަރުގެ ކުރު ސީޒަނުގައި ވަނީ ހަ މެޗު ކުޅެފައެވެ.
ޖަޕާނުގެ ޕްރޮފެޝަނަލް ލީގުތަކުގެ ތާވަލަށް އަންނަ ބަދަލުތަކާއެކު، މިއުރާ އޭނާގެ އުމުރުން 60 އަހަރުގައިވެސް ފެންނާނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ނަމޫނާ އަދި އެހާމެ ދިގު ކެރިއަރެކެވެ.