ENGLISH
26 ޖުލައި 2026
އިޓަލީގެ ކޯޗުކަމަށް ޕިރްލޯ ހަމަޖެއްސުމާ މެދު ސިޔާސީ ފާޑުކިޔުންތަކެއް
26 ޖުލައި 2026
|
ޔުވެންޓަސްގެ ކުރީގެ ކޯޗު އަންދްރެެއާ ޕިރްލޯ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ލެޖެންޑް އަންދްރެެއާ ޕިރްލޯ އިޓަލީގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމާ މެދު ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ރަޝިޔާގެ ބެޓިން ކުންފުންޏަކާ އެކު އޭނާ ބާއްވާ ވިޔަފާރީގެ ގުޅުންތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ ތަށި ކާމިޔާބުކޮށްފައިވާ އުމުރުން 47 އަހަރުގެ ޕިރްލޯއަކީ، ޖެނާރޯ ގަޓޫސޯގެ ބަދަލުގައި އެ މަގާމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ފަރާތެވެ. އެއީ މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އެ މަގާމަށް އައުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.
ނަމަވެސް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިންނާއި މަޖިލިސް މެންބަރުން މިހާރު ދަނީ ރަޝިއާގެ ބުކްމޭކަރެއް ކަމަށްވާ "ފޮންބެޓް" ގެ ގްލޯބަލް އެމްބަސެޑަރެއްގެ ގޮތުގައި ޕިރްލޯ އަދާކުރާ ދައުރާ މެދު ސުވާލު އުފައްދަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ ޕިރްލޯ އާއި ރަޝިއާއާ އޮތް ގުޅުންތައް ބަލަމުންނެވެ.
މިހާރު ދުބާއީގެ ޔުނައިޓެޑް އެފްސީއަށް އިރުޝާދުދެމުންދާ ޕިރްލޯ، ފޮންބެޓާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި މައްސަލަ ބޮޑުވީ، މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގައި އެ ކުންފުނިން އިންތިޒާމުކުރި ހަރަކާތެއްގައި އިޓަލީގެ ކުރީގެ ކުޅުންތެރިޔާ މާކޯ މަޓެރާޒީއާއެކު އޭނާ ބައިވެރިވުމުންނެވެ. މި ދަތުރަށް ފާޑުކީ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އެ ޕްރޮމޯޝަނަލް އިވެންޓް ކުރިއަށް ދިޔައީ ޔޫކްރެއިނަށް ވައިގެ މަގުން ހަމަލާތަކެއް ދެމުންދިޔަ ވަގުތެއްގައެވެ.
މިކަމާ ގުޅިގެން ޕިރްލޯ ބުނީ އޭނާގެ ބައިވެރިވުމަކީ ހަމައެކަނި ވިޔަފާރީގެ ކަމެއް ކަމަށާއި، އޭގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތް ކަމަށެވެ.
މި ހޫނު ބަހުސްތައް ފެށިފައިވަނީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަމާ ޖިއޮވާނީ މަލަގޯ ހަވާލުވެވަޑައިގެން، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އިޓަލީގެ ފުޓްބޯޅަ އިސްލާހުކުރަން މަސައްކަތް ފެށިތާ ހަފުތާތަކެއްގެ ތެރޭގައެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑިނީގެ ތާއީދު ޕިރްލޯއަށް އޮތް ނަމަވެސް، ސިޔާސީ ބޭފުޅުން ބުނަނީ ރަޝިއާގެ ޖުވާކުޅޭ ކުންފުންޏަކާއެކު އޮތް ގުޅުމަކީ ޤައުމީ ޓީމު ފަދަ ޝަރަފުވެރި މަގާމަކާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
ޔޫރަޕިއަން ޕާލަމަންޓުގެ ނައިބު ރައީސް ޕީނާ ޕިޗިއެރްނޯ ވިދާޅުވި ގޮތުގައި އިޓަލީގެ ފުޓްބޯޅައަށް ބޭނުންވަނީ އަޚުލާގީ އަދި ހިންގުމުގެ އިންގިލާބެކެވެ. ނަމަވެސް ޕިރްލޯ ހޮވުމަކީ އެއާ ދިމާ އިދިކޮޅު ނިންމުމެކެވެ.
އިޓަލީގެ ސެނެޓުގެ ރައީސް އިގްނާޒިއޯ ލާ ރޫސާވެސް ވަނީ މިކަމާ މެދު ޝައްކު އުފައްދާފައެވެ. އޭނާ ވިދާޅުވީ ޕިރްލޯއަކީ މޮޅު ކުޅުންތެރިއެއް ނަމަވެސް، ކޯޗެއްގެ ގޮތުގައި އޭނާ އައްޔަންކުރުމަކީ ކާމިޔާބުވާނެކަމުގެ ޔަގީންކަމެއް ނެތް "ބިރުވެރި" ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ލީޑަރު ކާލޯ ކަލެންޑާ ވަނީ މިއަށްވުރެ ހަރުކަށިކޮށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރަށްފަހު ރަޝިއާގެ މަސްލަހަތުތައް ކުރިއަރުވަން މަސައްކަތްކުރާ އެއްވެސް ފަރާތަކުން ޤައުމީ ފެންވަރުގެ އެއްވެސް މަގާމެއް ފުރައިގެން ނުވާނެއެވެ.