ENGLISH
14 އޭޕްރީލު 2025
ދުންފަތް ވަކި އުމުރަކުން ފެށިގެން މަނާކުރުމާމެދު ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވަނީ
13 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ގޮތަށް ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމާމެދު ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަން ރަައީސް ހާމަކުރައްވަައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް މީޑިޔާ އެކައުންޓުތައް މެދުވެރިކުރައްވައި ރައީސް ޝާއިއުކުރެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުގައި ދިވެހިންގެ މެދުގައި ގަައިންގައަށް ނާރާ ބަލިތައް ފެތުރުމަށާއި ނުކުޅެދުންތެރިކަމަށް ހުށަަހެޅުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަަށެވެ.
އޭގެ އިތުރަށް ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު ބަލިތަކުގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބަލިތަކުގައިކަން ފާހަގަކުރައްވަމުން އެއީ ވަރަށް ބޮޑު އިންސައްތައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
2021 ވަނަ އަހަރު ހެދި ގައިންގައަށް ނާރާ ބަލިތައްޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާ ގުޅޭ ސާވޭއާ ހަވާލާދެއްވައި ރައީސް ވިދާޅުވީ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ޒުވާނުން ކަމަށެވެ.
ގްލޯބަލް ޔޫތު ޓޮބެކޭ ސާވޭ ދައްކާ ސްކޫލު އުމުރުފުރާ ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންނަކީ ކޮންމެވެސް ގޮތަކުން ނިކޮޓިން ނުވަތަ ދުންފަތުގެ ބާވަތެއް ބޭނުންކުރާ މީހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހީންގެ އާބާދީއަކީ 411،741 ދިވެހިންކަމަށާއި، އެމީހުންގެ ތެރެއިން 2007 ޖަނަވަރީ އެކަކުން ފެށިގެން އުފަންވި މީހުންގެ ތެރެއިން މަރުވެފައިވާ މީހުން ނުހިމަަނައި އެ އުމުރުގެ އާބާދީއަކީ 124،002 މީހުންކަން ފާހަގަކުރައްވައި އެއީ ދިވެހިންގެ ޖުމްލަ އާބާދީގެ 30.1 އިންސައްތަކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގައަށް ނާރާ ބަލިތަކުން ޒުވާނުންނާއި ހުރިހާ ދިވެހިން ސަލާމަތްކުރުމަށް ސަރުކާރާ އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި، އެކަމަށް ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ޕޯލެއް ކުރިއަށްގެންދެވިކަމަށާއި، އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދެވި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހިންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ ބަޔަކަށް ހެދުމަށްޓަކައި ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި އެމީހުންނަށް އެތަކެތި ވިއްކުން މަނާކުރުމާމެދު ގޮތެއް ނިންމެވުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަަޅުއްވާފައިވާ ކަމަށެވެ.