ENGLISH
13 އޭޕްރީލު 2025
މިދިޔަ ރަމަޟާން މަހަކީ ޓްރެފިކް ބެލެހެއްޓުމުގައި ކާމިޔާބު މަހެއް: ފުލުހުން
12 އޭޕްރީލު 2025
|
ފުލުހަކު މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ/ ޕޮލިސް
އާންމު ރޯދަމަސްތަކާ އަޅާބަލާއިރު މިދިޔަ ރަމަޟާން މަހަކީ ޓްރެފިކް އެކްސިޑެންޓުތައް މަދުކުރެވި އަމާން އަދި އޮމާންކޮށް ގެންދެވުނު މަހެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ފޮލިސް އިސްމާއިލް ރާފިޢު އަދި ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް ޙުސައިން އަޞްލަހު ވިދާޅުވީ ރަމަޟާން މަހު ރަށުތެރޭގެ އަމަންއަމާން ކަމާއި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ދުރާލާ ތައްރާރުވި ކަމަށެވެ.
ހުޅުމާލެ ޓްރެފިކް އޮފްރޭޝަން ޔުނިޓުގެ ހެޑް އިސްމާއިލް ވިދާޅުވީ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވުމުގެ ނަތީޖާއެއްގެ ގޮތުން ރަމަޟާން މަހު ހުޅުމާލޭގައި ޓްރެފިކް އެކްސިޑެންޓްތަކާއި ވައްކަމާއި ފޭރުން ވެސް މަދުކުރެވުނު ކަމަށެވެ.
"މާނައަކީ ޓްރެފިކް އެކްސިޑެންޓުތައް ވެސް މަދުވި ވާހަކަ، ވައްކަމާއި ފޭރުން ވެސް މިދިޔަ އަހަރަށްވުރެ މަދުވި ވާހަކަ، ހުޅުމާލެއިން، ފަހު ދިހަ ބަންދުވީމަ އެއީ ބަންދެއް ކަމަށްވާތީވެ އިތުރަށްވެސް ފުލުހުން ނެރެގެން ހަރަކާތްތެރިވަމުން ގެންދިޔައީ، އޭގެ ނަތީޖާ ހަމަ ވަރަށް ރަނގަޅު،" އިސްމާއިލް ވިދާޅުވި އެވެ.
އަސްލަހު ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރުގެ ރޯދަމަހު މާލޭގައި ވަރަށް ރަނގަޅަށް ޓްރެފިކް ބެލެހެއްޓިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ފާއިތުވި ރަމަޟާން މަހަކީ މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގައި ވަރަށް ކާމިޔާބުކޮށް ގެންދެވުނު މަހެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ބާޒާރުމަތި ވެސް އެހެން އަހަރުތަކަށްވުރެ އަމާންކޮށް އޮމާންކޮށް ގެނެދެވުނު، ބޮޑުތަކުރުފާނު މަގުގައި ވެސް ސްޓެޓިކްކޮށް އަޅުގަނޑުމެންގެ މުވައްޒަފުން ބައިތިއްބައިގެން، ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދިޔަ އިން، މިސްކިއްތަކުގެ ކައިރީގައި ވެސް ދުރާލާ ޕްލޭންކޮށްގެން ޓްރެފިކް ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދެވުނު،" އަސްލަހު ވިދާޅުވި އެވެ. "ރޯދަ މަހަކީ ބޮޑެތި އެކްސިޑެންޓްތައް އާންމުކޮށް ހިނގާ މަހެއް ޚާއްސަކޮށް ހަވީރު ގަޑީގައި، އެހެން ނަމަވެސް މި އަހަރު ރަމަޟާން މަހު ފާހަގަކުރެވިފައެއް ނެތް ބޮޑެތި އެކްސިޑެންޓްތައް ހިނގާފައިހުރި ކަމެއް."
އާންމު މަސްތަކުގައި ވެސް ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި ވަރަށް ބޮޑަށް ހަރަކާތްތެެރިވެއެވެ. ޙުސައިން ވިދާޅުވި ގޮތުގައި މަގުމަތީގައި ފުލުހުން ބޭތިއްބި ނަމަވެސް، ޓްރިފިކް މައްސަލަތައް ހައްލުކުރެވޭނީ މަގުމަތި ބޭނުންކުރާ ފަރާތްތަކުން ގަވާއިދުތަކާއި އެއްގޮތަށް އަމަލުކޮށް މަގުމަތީގެ އަޚުލާގު ހިފަހައްޓައިގެންނެވެ.