ENGLISH
13 ސެޕްޓެމްބަރު 2025
ދިވެހީންގެ ވައިގެބަނދަރު: ދިވެހީންގެ ފަހުރު
12 އޭޕްރީލު 2025
|
ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ ތާރީހުގެތެރެއިން-- ފޮޓޯ: އެމްއޭސީއެލް
ގައުމެއްގެ އިގުތިސާދުގެ "ރަންބިސް އަޅާ ކުކުޅު" އަކީ ފަތުރުވެރިކަން ކަމުގައިވާނަމަ، ޒަމާނަށް އެކަށޭނަ، ފަތުރުވެރިންނާއި ރައްޓެހި ވައިގެ ބަނދަރެއް އެގައުމެއްގައި އޮތުމަކީ ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ގައުމަށް އަންނަ ފަތުރުވެރިންގެ ފުރަތަމަ މަންޒިލެއް ކަމުގައިވާ ވައިގެ ބަނދަރަކީ އެމީހުންނާ ބީރައްޓެހި، ކަންކަން އުނދަގޫ ތަނެއް ނަމަ ގައުމަށް އެތެރެވުމުގެ ކުރިންވެސް އެގައުމަކާ ދޭތެރޭ ނުރަނގަޅު އިހުސާސްތަކެއް ފެނިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރަސްމީ ވައިގެބަނދަރަކީ މިފަދަ ޒަމާނީ، ހިތްގައިމު، ހިދުމަތްތައް ފަސޭހައިން ލިބޭ ވައިގެ ބަދަރެކޭ ފަހުރުވެރިކަމާއެކު ބުނެވޭނެއެވެ.
ދިވެހިރާއްޖޭގެ ރަސްމީ ވައިގެބަނދަރު، ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރަށް މިއަދު 59 އަހަރު ފުރޭއިރު، މި ފަހުރުވެރި ވައިގެބަދަރުގެ މުއްސަނދި ތާރީހަށް ނަޒަރު ހިންގާލުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެގޮތުން މި ރިޕޯޓުގައި، ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ ތާރީހީ ކާމިޔާބުތަކަށާއި، ވައިގެބަނދަރު އިތުރަށް ތަރައްގީކުރުމުގެ ގޮތުން ހިންގަން، ނިންމާފައިވާ ބައެއް މަޝްރޫއުތަކަށާއި، މިހާރުވެސް ކުރިއަށްދާ ބައެއް މަޝްރޫއުތަކަށް މި ރިޕޯޓުގައި ބަލާލާނަމެވެ.
ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ ތާރީހީ ކާމިޔާބުތައް
ދިވެހިރާއްޖޭގައި ވައިގެބަނދަރެއް އެޅުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ފެށިގެންދިޔައީ 1960 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ދަގަނޑު ފިލާ ބޭނުންކޮށްގެން ހުޅުލޭގައި ފުރަތަމަ ރަންވޭ އެޅުމުގެ މަސައްކަތް ފެށިގެންދިޔައެވެ. މި ތާރީހީ މަސައްކަތް އޭރަށް ބޭނުންވި ފެންވަރަށް ފުރިހަމަވެ، 1962 ވަނަ އަހަރު ދިވެހިރާއްޖޭގެ ވައިގެބަނދަރުގައި ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް ޖެއްސިއެވެ. އަދި ރާއްޖޭއަށް އެއަރ ސިލޯނުގެ ދަތުރުތައް ފަށާ، ރާއްޖޭގައި ބަނދަރުކުރި ފުރަތަމަ ބައިނަލްއަގުވާމީ މަތިންދާބޯޓަކަށް އެކުންފުނީގެ ބޯޓެއް ވިއެވެ.
11 އޮކްޓޫބަރު 1966 ވެގެން ދިޔައީ ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ ތާރީހުގައި އެންމެ މުހިންމު ދުވަހަށް ކަމަށްވެސް ދެންނެވިދާނެއެވެ. އެއީ، އެދުވަސް ވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު، ރަސްމީކޮށް ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެބަނދަރު ހުޅުވައިދެއްވި ދުވަހަށެވެ. އަދި އޭގެ ހަ އަހަރު ފަހުން 1972 ވަނަ އަހަރު، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހުޅުވާލުމުން ރާއްޖެ އައި އެންމެ ފުރަތަމަ ފަތުރުވެރިން ރާއްޖެ އައެވެ.
"މާލޭ އިންޓަނޭޝަނަލް އެއާރޕޯޓު" ހިންގުމާއި ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށް، 100 އިންސައްތަ ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) 1994 ވަނަ އަހަރު ވުޖޫދުކުރެވުނެވެ. މީގެ އިތުރުން ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރާއި ދައުލަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވައިގެބަނދަރު ތަކުގައި ދިމާވާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތާއި، އެފަދަ ހާލަތްތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްފަދަ ކަންކަމަކީވެސް އެމްއޭސީއެލްގެ ބެލުމުގެދަށުން ހިނގާ ކަންކަމެވެ. އަދި މަތިންދާބޯޓުތަކަށް ބޭނުންވާ ތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުމަކީވެސް ހަމަ އެކުންފުނީގެ ޒިންމާއެކެވެ.
2022 ވަނަ އަހަރު ވެގެންދިޔައީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ ތާރީހުގައި ރަން އަކުރުން ފެވިގެންދިޔަ އަހަރަކަށެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެޅިގެންދިޔަ ކޯޑް އެފް ރަންވޭގެ މަސައްކަތް ނިންމާ، ހުޅުވިގެންދިޔައީ އެއަހަރު އެވެ. މި ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މިއީ އެއާރބަސް އޭ380 ފަދަ އެންމެ ބޮޑެތި ބޯޓުތަކަށްވެސް ޖެއްސޭ ގޮތަށް އެޅިގެންދިޔަ ރަންވޭ އެކެވެ.
މީގެ އިތުރުން 42 ޑޮކު އެކުލެވޭ 28،000 އަކަފޫޓުގެ ސީޕްލޭން ޓަރމިނަލް ހުޅުވިގެންދިޔައީވެސް ހަމަ އެއަހަރުއެވެ. މެއިންޓެނަންސް، ރިޕެއަރ އެންޑް އޯވަރހޯލް ފެސިލިޓީއެއްގެ އިތުރުން ވީވީއައިޕީ ލައުންޖެއްވެސް އެކުލެވޭ މި ޓަރމިނަލަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ބޮޑު ސީޕްލޭން ޓާރމިނަލެވެ. މި ޓާރމިނަލުން ދުވާލަކު ގާތްގަނޑަކަށް 600 ފްލައިޓު އޮޕަރޭޓްކުރެއެވެ.
މިދިޔަ އަހަރުވެސް ފާހަގަކޮށްލެވޭ ދެ ކާމިޔާބީއެއް ވެލާނާ ބައިނަލްއަގުވާމީ ވައިގެބަދަރުން ހޯދާފައިވެއެވެ. ކާގޯގެ ހިދުމަތްތަކަށް އެތައް ލުއިތަކެއް ގެނެސްދިން ކާގޯ ޓާރމިނަލް ކޮމްޕްލެކްސް ހުޅުވިގެންދިޔައީ މިދިޔަ އަހަރެވެ. މީގެއިތުރުން، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) ގެ ކެޓަގަރީ 9 ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާގޮތަށް އިމާރާތްކުރެވުނު ފަޔަރ ސްޓޭޝަންގެ މަސައްކަތް ފެށިގެންދިޔައީ ވެސް މިދިޔަ އަހަރެވެ. މި ސްޓޭޝަނަކީ ބޮޑެތި އުޅަނދުފަހަރުގައި ދިމާވެދާނެ ހާދިސާތަކަށާއި ކުއްލި ހާލަތްތަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ސްޓޭޝަނެކެވެ.
ވައިގެބަނދަރު އިތުރަށް ތަރައްގީކުރުމުގެ ގޮތުން ނިންމާފައިވާ ބައެއް މަޝްރޫއުތައް
އަލަށް ތަރައްގީކުރެވުނު ކާގޯ ޓަރމިނަލް:
މި ޓަރމިނަލް ހުޅުވުމުން ވީއައިއޭގެ ކާގޯ ކެޕޭސިޓީ އަހަރަކު 50،000 ޓަނުން 120،000 ޓަނަށް، ތިންގުނަ އިތުރުވެގެންދިޔަ އެވެ. މި ޓަރމިނަލްގައި ހިދުމަތްތައް މެދުނުކެނޑި އެންމެ ފުރިހަމައަށް ކުރިއަށްދާކަން ކަށަވަރު ކުރުމަށްޓަކައި އެއަރލައިންތަކާއި ބްރޯކަރުންނަށް 55 ޖާގަ އެކުލެވޭ 3 ފަންގިފިލާގެ އޮފީސް އިމާރާތެއް އެކުލެވެއެވެ. އަދި ކާގޯ އަށް ހާއްސަ ހާބަރަކާއި ސްޓްރީމްލައިން ސީ ޓްރާންސްޕޮޓޭޝަނަށް 4 ކެރޭނުވެސް އޮވެއެވެ. ޓަރމިނަލަށް އާރްއޭ3 ސެޓިފިކޭޝަން ލިބުންފަހުން ކާގޯ ޓްރާންސްޝިޕްމަންޓް ވެސް ކުރިއަށްވުރެ އިތުރު ވެފައިވެއެވެ.
އަލަށް ތަރައްގީކުރެވުނު ފަޔަރ ސްޓޭޝަން
2،230 އަކަފޫޓު އެކުލެވޭ މި ފަޔަރ ސްޓޭޝަންގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އެކި އުޅަނދުތަކާއި ވަރކްޝޮޕްތަކާއި ސްޓޯރޭޖު ޔުނިޓެއް އެކުލެވެއެވެ. މީގެ އިތުރުން އިދާރީ މަސައްކަތަށާއި ތަމްރީނުގެ އިތުރުން ކުއްލި ހާލަތްތަކަށް ހާއްސަ ފަޔަރ ކޮންޓްރޯލް ރޫމެއްވެސް އެކުލެވެއެވެ. އަދި 2 ފަޔަރ ޓެންޑަރ އާއި 1 ކޮމާންޑް ވެހިކަލްގެ އިތުރުން ކަނޑުގެ ހާދިސާތަކަށް ހާއްސަ މެރިން 2 އުޅަނދުވެސް ފަޔަރ ސްޓޭޝަންގައި އޮވެއެވެ.
ވައިގެބަނދަރަށް ވަދެނިކުތުމަށް ފަސޭހަ ކުރުމަށް ކުރެވުނު މަސައްކަތްތައް
ފަހަކާޖެހެންދެން ވައިގެބަނދަރު އަޅާފައިވާ ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރެވެން އޮތް ހަމައެކަނި މަގަކީ ކަނޑުދަތުރުފަތުރު ނަމަވެސް ބްރިޖުން ދެރަށް ގުޅާލުމުން ވައިގެބަނދަރަށް އެއްގަމުން މީހުން ގޮވައިގެން އަންނަ ޓެކްސީތަކަށް ފަސޭހައިން މީހުން އަރުވާ ބޭލުވުމުގެ ނިޒާމެއް އޮތުން މުހިންމުވިއެވެ. އެހެންކަމުން ޓެކްސީ ކިއު ބެލެހެއްޓުމަށް ވަކި ނިޒާމެއް އެކުލަވާލާ، މީހުން ޓެކްސީއަށް އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ހާއްސަކުރެވުނެވެ. އަދި ކާގޯ ލޭންޑްސައިޑް މަގެއްގެ އިތުރުން ހެޑް އޮފް ސްޓޭންޑް މަގެއް ގާއިމުކުރެވުނެވެ. މީގެ އިތުރުން ވައިގެބަނދަރު ފެށޭ ހިސާބު ފާހަގަކުރުމަށް ބިނާއެއް ބެހެއްޓިގެންދިޔަ އެވެ.
ވައިގެބަނދަރު އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތައް
އަލަށް ތަރައްގީކުރާ ބައިނަލްއަޤްވާމީ ފަސިންޖަރުންގެ ޓާރމިނަލް
78،00 އަކަފޫޓު އެކުލެވޭ ގޮތަށް ތަރައްގީ ކުރެވިގެންދާ މި ޓާރމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މިޓާރމިނަލް ތަރައްގީކޮށް ނިމޭއިރު އެއިރޯ-ބޯޑިންގ ބްރިޖުތަކަކާއި ޒަމާނީ ބެގޭޖު ސިސްޓަމްތަކަކާއި އިތުރު ރީޓެއިލް އައުޓްލެޓްތަކުގެ އިތުރުން މިހާރަށް ވުރެ އިތުރަށް ފުޑް އައުޓްލެޓްތަކާއި އިތުރު ލައުންޖްތައްވެސް އެކުލެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.
"ޗާލީ" ޓެކްސީވޭ ތަރައްގީކުރުން
"ޗާލީ" ޓެކްސީވޭ ތަރައްގީކުރެވިގެންދަނީ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ ވަރަށް، 3،200 އަކަފޫޓުގެ ދިގުމިނަށެވެ. މި ޓެކްސީވޭ އަލުން ފުރިހަމަކުރެވުމުން ބޯޓުތައް ދުއްވާ، އަނބުރާ ހަދަން ނަގާ ވަގުތު މަދުވެ، ބޯޓުތައް ބިންމަތީގައި ހޭދަކުރަންޖެގޭ ވަގުތު ކުރުވެގެންދާނެއެވެ.
ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އަހަރީދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީޕް ވިދާޅުވީ މި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުން ނިންމާނީ ފެލިޓީތައް އެކަނި ކަމަށެވެ. ނަމަވެސް އެތަންތަން ހިންގާ، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ ވީއައިއޭގެ މުވައްޒަފުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވީއައިއޭގެ މުވައްޒަފުންނަކީ އަބަދުވެސް ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވާ، އެކަމަށްޓަކައި މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.