ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ރަށްވެހީންގެ ސައްލާ، މަޝްވަރާ ބައްދަލުވުން އުކުޅަހުގައި ފަށައިފި

12 އޭޕްރީލު 2025

|

ޢަލީ ޝަހީމް

އއ. އުކުޅަހުގައި ކުރިއަށްގެންދާ "ރަށްވެހީންގެ ސައްލާ"ގެ ބައިވެރިން: މި ބައްދަލުވުމުގައި 55 ބޭފުޅުން ބައިވެރިވޭ-- ފޮޓޯ/ ލޯކަލް ގަވަރމަންޓް މިނިސްޓްރީ

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، "ރަށްވެހީންގެ ސައްލާ" އއ. އުކުޅަހުގައި އިއްޔެ ފަށައިފިއެވެ. 

ތިން ދުވަހުގެ މުއްދަތަކަށް މަޝްވަރާ ބައްދަލުވުން ކުރިއަށްގެންދަނީ އުކުޅަހު ކޮންވެންޝަން ސެންޓަރުގައެވެ. 

ރަށްވެހީންގެ ސައްލާ ކުރިއަށްގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެންނެވެ. މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރެވެ.  

މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ. 

"ރަށްވެހިންގެ ފޯރަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ، އަދި ހަމަ އެއާއެކީގައި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން އެނގިގެންދާ ފޯރަމެއް. އަޅުގަނޑު ގަބޫލުކުރަނީ މިކަމުގެ ސަބަބުން މި ނިޒާމު ހަރުދަނާކުރުމުގައި ހާއްސަކޮށް، ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް ރައްޔިތުންގެ ބައިވެރިވުން ހޯދާނެ ގޮތްތަކާ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެވިގެން ދާނެ،" އުކުޅަހުގައި ހުންނަވައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. 

ބައްދަލުވުމުގައި ބައިވެރިންގެ މެދުގައި މަޝްވަރާކުރަނީ ހަތް ކަމަކާ ގުޅޭގޮތުންނެވެ. އޭގެތެރޭގައި ހިމެނެނީ ޕަބްލިކް ޕަރޓިސިޕޭޝަން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވުން، އިފެކްޓިވް ކޮމިއުނިކޭޝަން، ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް، ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އަދި ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކެވެ. 

ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ.

ކިޔުންތެރިންގެ ހިޔާލު