ENGLISH
10 ޖުލައި 2025
މުދަލު ޒަކާތުގެ ގޮތުގައި ފުރަތަމަ ކުއާޓާގައި ލިބުނު ފައިސާ %47 އިތުރުވެއްޖެ
12 އޭޕްރީލު 2025
|
މީހަކު ފިޠުރު ޒަކާތް އަދާކުރަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ 47 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ކޮންމެ މަހަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި އަހަރު ލިބުނީ 23.5 މިލިއަން ރުފިޔާއެވެ.
އެހެންކަމުން މި އަހަރުގެ ފުރަތަމަ ތިން މަހުގައި ލިބުނު އާމްދަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 47 އިންސައްތަ އިތުރުވެފައިވެއެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި މާޗު މަހުގައި 23.5 މިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރުގެ މާޗު މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 14.1 މިލިއަން ރުފިޔާއެވެ. މިހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ 66.5 އިންސައްތަ އިތުރުވެފައިވެއެވެ.
ފާއިތުވި އަހަރަކީ ރެކޯޑު އަދަދަކަށް މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެކެވެ. އެގޮތުން އެ އަހަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ 100 މިލިއަނުން މައްޗަށް އިތުރުވިއެވެ. އެއީ މިހާތަނަށް އެއް އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ލިބުނު ފައިސާއެވެ.