ENGLISH
10 ޖުލައި 2025
އިސްރަށްވެހިންނަށް ހާއްސަ ޖާގަތައް ތަރައްގީކުރަން 13 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފި
12 އޭޕްރީލު 2025
|
މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން. އަތޮޅުތަކުގައި އިސްރަށްވެހިންނަށް ހާއްސަ ޖާގަތައް ތަރައްގީކުރާނެ. ފޮޓޯ: ސޯޝަލް މިނިސްޓްރީ
އިސްރަށްވެހިންނަށް ހާއްސަ ޖާގަތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، އެ ހިދުމަތް ރަށްރަށުގައި ފަށަން 13 ރަށެއްގެ ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ބުރާސްފަތި ދުވަހުގެ ރޭ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރަށްރަށުގައި އިސްރަށްވެހިން އެއްވެ އުޅެލާނެ ތަންތަން ހުރިނަމަވެސް، ހިދުމަތް ދެވޭނެ ފަދަ ގޮތަކަށް އެފަދަ ޖާގަތައް ތަރައްގީކުރެވިފައި ނުވާކަމަށެވެ.
"ކައުންސިލަތާކާއެކު މަޝްވަރާ ކުރެވިގެން މިހާރު 13 ކައުންސިލަކުން އެބައޮތް އަޅުގަނޑުމެންނަށް އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމުގަ އެބޭފުޅުން ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްކަން ފާހަގަކުރައްވާފަ. ކޮންމެ ކައުންސިލަކާ އެއްކޮށްވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އެބޭފުޅުންނަށް އެބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން ޖާގަތައް ގާއިމުކުރުމަށް" - ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް
ލަހުފާ ވިދާޅުވީ ރަށްރަށުގައި ހުރި އިމާރާތްތައް މަރާމާތުކޮށްގެން އެފަދަ ޖާގަތައް ތަރައްގީކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އެގޮތަށް ތަރައްގީކުރާ ޖާގަތަކުގައި ހިދުމަތް ދޭނީ ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކާއެކު ކަމަށް ލަހުފާ ވިދާޅުވިއެވެ. އެގޮތުން ލުއި ކަސްރަތު ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގަވައިދުން ހިންގުމަކީ އަމާޒެއް ކަމަށް ލަހުފާ ވިދާޅުވިއެވެ.
ރަށްރަށުގައި އިސްރަށްވެހިންނަށް ހާއްސަ ޖާގަތައް ހިންގަން ފަށާނީ އެހެން މުއައްސަސާތަކާ ގުޅިގެން ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިސްރަށްވެހިންނަށް ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތައް ކަށަވަރުކުރައްވާނެކަމަށް ލަހުފާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުވެސް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކޮށް އިސްރަށްވެހިންނަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި، ރަށްރަށުގައި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ލަހުފާ ވިދާޅުވިއެވެ.
ދޮށީއުމުރުގައި އެކަނިވެރިކަން އިހުސާސްކުރާ މީހުންގެ އަދަދު ރާއްޖޭގައި ވެސް އިތުރުވަމުން އަންނައިރު އެކަންކަމަށް ރަނގަޅު ހައްލެއް ހޯދުމަކީ މުހިއްމު ކަމެއްކަމުގައި ލަހުފާ ފާހަގަކުރެއްވިއެވެ. އެގޮތުން އިސްރަށްވެހިންނަށް ހާއްސަކޮށް މުޅި ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކާއި ޖާގަތައް ތަރައްގީކުރާނީ ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ކަމަށް ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ރަށްތަކުން އިސްރަށްވެހިންގެ ޖާގަތައް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކުރިއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިސްރަށްވެހިންގެ ނާދީ ގާއިމުކުރަން ނިންމައިފައެވެ. މިހާރުވެސް މާލެ އާއި ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީތަކުން ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ދޮށީ އުމުރުގެ ގިނަ ބަޔަކު ހަރަކާތްތެރިވާއިރު، ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމާ ގުޅޭ ގިނަ ޕްރޮގްރާމްތަކެއް އެތަނުގައި ހިންގައެވެ.