ENGLISH

19 އޭޕްރީލު 2025

Advertisement

މާޗު މަހުގެ ޖުމްލަ އާމްދަނީ ނިމުނު އަހަރަށްވުރެ 15.1 އިންސައްތަ އިތުރުވެއްޖެ، ޑޮލަރު އާމްދަނީ 45 އިންސައްތަ މައްޗަށް

12 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ފޮޓޯ: މީރާ

ފާއިތުވި އަހަރުގެ މާޗު މަހާ އަޅާބަލާއިރު ނިމުނު މާޗު މަހުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 15.1 އިންސައްތަ އިތުރުވެ، ޑޮލަރުން ލިބުނު އާމްދަނީ 45 އިންސައްތަ މަތިވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މީރާއިން މަހަކު އެއްފަހަރު އާއްމުކުރާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މާޗު މަހުގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.3 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ މާޗު މަހުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 2.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ މާޗު މަހުގައި ލިބުނު އާމްދަނީ ނިމުނު އަހަރުގެ މާޗާ އަޅާބަލާއިރު 15.1 އިންސައްތަ އިތުރުވެފައިވެއެވެ. 

ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު މި އަހަރުގެ މާޗު މަހުގައި 174.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް މީރާއަށް ލިބުނެވެ. ނިމުނު އަހަރުގެ މާޗު މަހުގައި މީރާއަށް ޑޮލަރުން ލިބުނީ 119.6 މިލިއަން ޑޮލަރެވެ. އެހެންކަމުން ނިމުނު އަހަރުގެ މާޗު މަހާ އަޅާބަލާއިރު މި އަހަރުގެ މާޗު މަހުގައި ޑޮލަރު އާމްދަނީ 45 އިންސައްތަ އިތުރުވެފައިވެއެވެ. 

މާޗު މަހުގެ ނިޔަލަށް ޑޮލަރުން އާމްދަނީގެ ގޮތުގައި މި އަހަރު ލިބިފައިވަނީ 417.7 މިލިއަން ޑޮލަރެވެ. އެއީ ނިމުނު އަހަރުގެ ފުރަތަަމަ ތިން މަހު ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު 324.6 މިލިއަން ޑޮލަރަށްވުރެ 27.8 އިންސައްތަ އިތުރު އަދަދެކެވެ. 

އަދި ފުރަތަމަ ކުއާޓާގައި ދައުލަތަަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 9.1 ބިލިއަން ރުފިޔާއެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 8.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ޖުމްލަ އާމްދަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ 2.4 އިންސައްތަ އިތުރު އަދަދެކެވެ. 

ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީގެ ތެރެއިން 7.4 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 1.7 ބިލިއަން ރުފިޔާއަކީ ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއެވެ. 

ކިޔުންތެރިންގެ ހިޔާލު