ENGLISH

19 އޭޕްރީލު 2025

Advertisement

ޣައްޒާގެ ދިފާޢުގައި ދިވެހީންގެ ސައިކަލު ބުރެއް، ބޮޑު ތަރުޙީބެއް

11 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މިއަދު އޮތް ސައިކަލު ބުރު: ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވޭ -- ފޮޓޯ: ވޮއިސް

ޣައްޒާގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ މާލޭގައި ސައިކަލު ބުރެެއް މިއަދު ބާއްވައިފި އެވެ.

މިއަދު ހަވީރު ހަތަރަކުން ހަޔަކަށް މި ސައިކަލު ބުރު އޮތީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. މިއަދުގެ ސައިކަލު ބުރުގައި ވަރަށް ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. ފިރިހެނުންނާއި އަންހެނުންނާއި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދީން ވެސް ބައިވެރިވި މި ހަރަކާތުގައި ފަލަސްތީނުގެ މިނިވަން ކަަމަށް ގޮވާލާ އަޑުއުފުލާފައިވެ އެވެ.

އަދި އިޒްރޭލްގެ ގަތުލުޢާންމު ހުއްޓުވުމަށް ގޮވާލާފައިވެ އެވެ. 

ސައިކަލު ބުރުގެ ބައިވެރީން ތިބީ ފަލަސްތީން ރަމްޒު ކޮށްދޭ ބެނާތަކާއި ދިދަތަކާއި އެކި ޝުޢޫރުތައް ލިޔެފައިވާ ފޮތިގަނޑުތަކާއި ކަރުދާސްތައް ހިފަހައިގެންނެވެ.

ސައިކަލު ބުރު ނިންމާނީ ޚާއްސަ ދުޢާ އަކުންނެވެ. އެ ދުޢާގައި ފަލަސްތީނުގެ ޣައްޒާގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުޢާ ކޮށްފައިވެ އެވެ. އަދި ފަލަސްތީނަށް އަމާންކަން ދެއްވާ އެ ގައުމުގެ ހިތްވަރު ގަދަ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކޮށްފައިވެ އެވެ.

މިއަދުގެ ހަރަކާތް އިންތިޒާމު ކުރީ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރީންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެންނެވެ. މިއަދުގެ ހަރަކާތުގައި ބައެއް ޢިލްމުވެރީން ވާހަކަ ދެއްކެވި އެވެ. އަދި ފަލަސްތީނުގެ މައްސަލައާ ގުޅޭ މަޢުލޫމާތު ދީފައިވެ އެވެ.

އިލްމުވެރީން ވަނީ ޣައްޒާގެ ދިފާއުގައި އިތުރު ހަރަކާތްތައް ބާއްވާނެކަން ވެސް އިޢުލާނު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު