ENGLISH
19 އޭޕްރީލު 2025
މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރި ޒުވާން އިމާމުންގެ އަގުވަޒަން ކޮށްފި
11 އޭޕްރީލު 2025
|
ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންގެ އަގުވަޒަން ކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރަމަޟާން މަހު، މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރި ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންގެ އަގުވަޒަން ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި ރޯދަ މަހު މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރި ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންގެ އަގުވަޒަން ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވާފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ ހިތްވަރުގަދަ ޒުވާން ޖީލެއް ކަމަށާއި ޒުވާން ޙާފިޒުންނާއި އިމާމުންގެ އަގު އަބަދުވެސް ސަރުކާރުން ވަޒަން ކުރާނެ އެވެ.
ޒުވާނުންގެ ތެރޭގައި އިސްލާމް ދީނަށް ލޯބި އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާ އެ މަސައްކަތުގެ ތެރެއިން ޙާފިޒުން އުފެއްދުމާއި އިމާމުވެ ނަމާދު ކުރާނެ ޒުވާން ޚަތީބުން އުފެއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ.
ދައުރުގެ އެންމެ ކުރީކޮޅު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ ޒުވާން ޚަތީބުން އުފެއްދުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ކުރީން ވިދާޅުވީ މިހާތަނަށް 250 ވުރެ ގިނަ ޒުވާން ޚަތީބުން ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ.
އެ ޒުވާނުން ހުކުރު ޚުތުބާ ކިޔާ އިމާމުވެ ހުކުރުކޮށް ތަރާވީހު ނަމާދު ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަދި ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރީން 1000 ޒުވާން ޚަތީބުން އުފެއްދުން ކަމަށެވެ. އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވެސް ވިދާޅުވި އެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރަން ފެށުމުން ވަރަށް ގިނަ ބައެއްގެ ތަޢުރީފު ސަރުކާރަށް ވަނީ ލިބިފަ ވެ އެވެ. މިއަދު މިންބަރުތަކުން ޒުވާން ޚަތީބުން ފެންނަމުން ދިއުމަކީ ގިނަ ބަޔަކަށް އުފާވެރިކަން ލިބޭ ކަމެކެވެ.
ޤުރުއާން ހިތުދަސް ކުުރުމުގެ މަޝްރޫޢު ފުޅާކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު 100 ޙާފިޒުން ދަސްވެނިވާ މިންވަރަށް މި މަޝްރޫޢު ފުޅާކުރެއްވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.