ENGLISH
19 އޭޕްރީލު 2025
ހަތަރު ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި
11 އޭޕްރީލު 2025
|
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ތެރެއިން.. ފޮޓޯ: ޚާރިޖީ ވުޒާރާ
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ހަތަރު ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
ޚާރިޖީ ވަޒީރު ތުރުކީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމްގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ވެސް ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރުގެ އިތުރަށް ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރ ޖަގަނަތު ޕަންޑާވެސް ބައިވެރިވެވަޑައިގަތެވެ.
މި ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލި އަޅިވާލައި ވަޒީރު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އުޞޫލުތައް އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވައި، އަދި ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދާކުރައްވަމުންގެންދަވާ މުހިންމު ދައުރުވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖޭގެ އޮތް ސަރަޙައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ، މި ސަރަޙައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަން ވަޒީރު. ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 11 އިން 13 އަށެވެ.