ENGLISH
10 ޖުލައި 2025
މުދައްރިސުންގެ މަސައްކަތަކީ ހެޔޮ ކަންކަމަށް އަމުރުު ކުރުމާއެކު ނުބައިކަންކަން ނަހީކުރުން: ޚުތުބާ
11 އޭޕްރީލު 2025
|
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން--ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ދަރީން ހެޔޮ ގޮތުގައި ތަރުބައްޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، މުދައްރިސުންގެ ދައުރު ވަރަށް ބޮޑުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ތަރައްގީގެ އަސާސަކީ، ތައުލީމާއި ތަރުބިޔަތު" މިމައުޟޫއެވެ.
ދަަރިވަރުންނަށް ފުރިހަމަ ތަރުބިޔަތެއް ދެވޭނީ، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާ އެކު، ކިޔަވައިދިނުމުގެ މަސްއޫލިއްޔަތު މުދައްރިސުން އަދާކުރައްވައިގެން ކަމަަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ކިޔަވާ ކުދިން، ނަމޫނާއަކަށް ބަލާނީ، މުދައްރިސުންކަމާއި އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، މުދައްރިސުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެއް އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، މުދައްރިސުން އެ ގޮތަށް ދެއްކެވި ކަމެއް ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ކަންމިހެން އޮތްއިރު އެކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހެދުމަށާއި އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހެދުމަށް މުދައްރިސުންގެ ކިބައިން ހުތުބާގައި އެދިފައިވެއެވެ.
ހުކުރު ޚުތުބާގައި ވަނީ އިސްލާމްދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ކިޔަވާ ކުދިންނަށް ގޮވާލައްވާފައެވެ. އަދި އެކަން ކުރެވޭނީ މައިންބަފައިންނަށާއި މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހްތިރާމު އަދާކޮށްގެންކަން ވެސް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. ދުނިޔެއާއި އާޚިރަތަށް ފައިދާހުރި އިލްމީ ހަރަކާތްތަކުގައި ދަރިވަރުންގެ ހުސް ވަގުތު ހޭދަކުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.
މީގެ އިތުރުން ޚުތުބާގައި ވަނީ މައިންބަފައިންނާއި ދައުލަތުން ތައުލީމާއި ތަރުބިޔަތަށްޓަކައި ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ބޭނުންތެރިކަމާއި މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދައިދިނުމަށާއި އިސްލާމްދީނާއި ވަތަނަށްޓަކައި ގުރުބާންވާން ކެރޭ ބަޔަކަށް ވުމަށްޓަކައި ހަށިތަކާއި ނަފުސުތައް ހާނުވައި ތައްޔާރުކުރުމަށް ވެސް ކިޔަވާ ކުދިންނަށް ގޮވާލައްވާފައެވެ.
އިސްލާމީ ރިސާލަތު ފެށުނީ، ކިޔެވުމަށް ކުރެއްވި އަމުރުފުޅަކުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތްﷲގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މާތް ނަބިއްޔާ ތައުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމަށެވެ. މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި އިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ހާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތްވި ކަމަށް ޚުތުބާގައި ބުންޏެވެ.
ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި އިލްމުތައް އަރަބި ބަހަށް ތަރުޖަމާކުރުމާއި، އިލްމާއި ފަންނުގައި އައު އެތައް އީޖާދެއްކޮށް، ފޮތްތައް ލިޔެ ޝާއިއުކުރި ވަރުގަދަ ހަޟާރަތެއް އިސްލާމީ އުންމަތުން ބިނާކުރި ކަމަށް ޚުތުބާގައި ބުންޏެވެ. އެ އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވިގެން ދިޔަ ކަމަށާއި، އިސްލާމީ ތައުލީމު އާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްހަމަސަލަސްކަން ގާއިމުވި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައިބުނީ މަދަރުސާތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރެވޭނީ މަދަރުސާތަކާއި މުދައްރިސުންނާއި ބެލެނިވެރީން ގުޅިގެންކަން ވެސް ޚުތުބާގައި ފާހަގަކުރިއެވެ.