ENGLISH

10 ޖުލައި 2025

Advertisement

ޓީމޫގެ ނަމުގައި ސްކޭމް ހިންގުން އިތުރުވަނީ، ސަމާލުވޭ!

11 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

(ފޮޓޯ/ ފުލުހުން)

ހެޔޮއަގުގައި މުދާ ވިއްކުމުގައި މުޅިދުނިޔެއަށް މަޝްހޫރު ޗައިނާގެ އީ ކޮމާސް ޕްލެޓްފޯމް "ޓީމޫ"ގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފި އެވެ.

ޓީމޫގެ ނަމުގައި ހިންގަމުންދާ ސްކޭމްތައް އާއްމުވެ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު، އެ ޕްލެޓްފޯމުގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރީ މި މަހުގެ ފުރަތަމަ ހަފްތާގަ އެވެ.

މިކަމާ ގުޅިގެން އާއްމުންނަށް ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި އެ ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ. އެގޮތުން:

  • ފިޝިންގ މެސެޖްތަކާއި އީމެއިލް: މިފަދަ މެސެޖުތައް ހުންނާނީ ޓީމޫ ނުވަތަ ކޫރިއާ ސާވިސްތަކުން ފޮނުވާ ފަދަ މެސެޖުތައް ގޮތަށެވެ. ސައްހަ ނޫން މި މެސެޖުތަކުގައި އާއްމުކޮށް ހުންނާނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތައް ކަމަށް ފުލުހުން ބުންޏެވެ.
  • ކްރެޑިޓް ކާޑު ސްކޭމް: ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިންގ އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ މި ސްކޭމުގައި އޮޅުވާލައިގެން ކްރެޑިޓް ކާޑުގެ މައުލޫމާތު ހޯދާނެ
  • 2ޑީ- ކާޑު ސްކޭމް؛ 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ ސްކޭމްތައް ހިންގުމަށް ފަސޭހަވެގެން ދެއެވެ. ފުލުހުން ބުނީ އެފަދަ ކާޑެއް ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިންގ ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭނެ ކަމަށެވެ. 

އެހެންވެ، ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމަށާއި ޓީމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ޚިލާފު ޑޮމެއިންތަކަށް) ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން  "ޕާރސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަންޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުމަށާއި ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު