ENGLISH
26 އޭޕްރީލު 2025
އަސޫސްގެ ލެޕްޓޮޕަކަށް ވާދޫގެ ނަން، ދައްކުވައިދެނީ ރެދަން ގޮނޑުދޮށުގެ ހިތްގައިމުކަން
11 އޭޕްރީލު 2025
|
އަސޫސް އިން އަލަށް ނެރުނު ލެޕްޓޮޕްތަކުގެ ތެރެއިން ބައެއް ލެޕްޓޮޕްތައް. މީގެ ތެރެއިން ރ. ވާދޫއަށް ނިސްބަތްކޮށް ހަދާފައިވަނީ ނޫކުލައިގެ ލެޕްޓޮޕް
ރ. ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލޭ ހިތްގައިމު މަންޒަރާ އަސްލެއްގެ ގޮތުގައި ބަލައިގެން އަސޫސް ކުންފުނީގެ ލެޕްޓޮޕެއް ޑިޒައިންކޮށް އެ ލެޕްޓޮޕަށް އެ ރަށުގެ ނަން ދީފި އެވެ.
އަސޫސްގެ ޚާއްސަ ޒެންބުކްގެ ސިގްނޭޗާ އެޑިޝަން ސީރީޒްގެ މި އާ ޑިޒައިންތައް ދައްކާލީ އިޓަލީގެ ވެރިރަށް މިލާންގައި ކުރިއަށްދާ "ޑިޒައިން ޔޫ ކޭން ފީލް" އެގްޒިބިޝަން" ގައި މި މަހުގެ ހަތް ވަނަ ދުވަހު އެވެ. މި ސިގްނޭޗަރ އެޑިޝަނުގައި ރާއްޖޭގެ އިތުރުން އައިސްލެންޑާއި ތުރުކީ އަދި އުރުދުންގައި ފާހަގަކޮށްލެވޭ ގުދުރަތީ ރީތި މަންޒަރުތައް ވެސް ހިމަނާފައިވެއެވެ. މި ލެޕްޓޮޕްތަކުގައި ގުދުރަތީ ރީތި އެކި މަންޒަރުތައް ސިފަކޮށްދީފައި ވާއިރު ވާދޫއަށް ނިސްބަތްކޮށްފައިވާ ލެޕްޓޮޕަށް ދީފައިވާ ނަމަކީ "ވާދޫ އައިލެންޑް، މޯލްޑިވްސް - ލުމިނަސް ބްލޫ" އެވެ.
ރ. ވާދޫއަށް ނިސްބަތްވާ ގޮތަށް ޑިޒައިންކުރި ލެޕްޓޮޕް
"ގުދުރަތީ [ރެދަނުގެ] އަލިކަމުން ދައްކުވައިދެނީ ތަރިތަކުގެ އަލީގައި ދިއްލޭ ރާޅުތަކުގެ ހިތްގައިމު ޖާދޫއެއް ފަދަ މަންޒަރެކެވެ،" - އަސޫސް
މި ލެޕްޓޮޕްތައް އާންމުންނަށް ވިއްކާނެ ތާރީޚެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. މިއީ އަސޫސްގެ ޒެންބުކުގެ ޚާއްސަ ސިގްނޭޗާ އެޑިޝަންއެއް ކަމަށްވުމުން މި ލެޕްޓޮޕްތަކާ އެކު އަސޫސް ގަލަމަކާއި، މައުސްއެއް އަދި ލެޕްޓޮޕްލާ ލެދާ ސްލީވްއެއް ލިބޭނެއެވެ.