ENGLISH

10 ޖުލައި 2025

Advertisement

ނާދީތަކާ އެކު އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ: ލަހުފާ

11 އޭޕްރީލު 2025

|

ޢަލީ ޝަހީމް

އިޖުތިމާއީ އަދި އާއިލީ ތަރައްގީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި އިސްރަށްވެހިންގެ ނާދީގެ ސަބަބުން ދޮށީ އުމުރުގެ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި، އިތުރު ނާދީތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަފުހާ ޚަލީލް ވިދާޅުވެއްޖެއެވެ. 

ފުރަތަމަ ނާދީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހު ހުޅުވީ މާލޭގައެވެ. އެ ނާދީއަށް މިހާރު އަހަރެއް ފުރިހަފައިވާއިރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ވިދާޅުވީ އެމްއެމްޓީވީން ރޭ ގެނެސްދިން "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ލަހުފާ ވިދާޅުވީ އެތަނަށް ދޮށީ އުމުރުގެ ގިނަ ބަޔަކު ޒިޔާރަތްކުރާ ކަމަށާއި، އޭގެ ސަބަބުން ކުރިން ގޭތެރޭގައި އެކަނިވެފައި ތިބި ފަރާތްތަކުގެ ދިރިއުޅުމަށް އެދެވޭ ބަދަލެއް އައިސްފައިވާ ކަމަށެވެ. 

ލަހުފާ ވިދާޅުވި ގޮތުގައި އެ ވުޒާރާގެ ފަރާތުން އަންނަނީ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ނާދީގައި ޕްރޮގްރާމްތައް ހިންގަމުން ކަމަށެވެ. އެގޮތުން ޖިސްމާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފެށި ކަސްރަތު ކްލާސްތަކުގެ ޚިދުމަތް މިހާރު ފުޅާކޮށްފައިވާކަމަށް ލަހުފާ ވިދާޅުވިއެވެ. އަދި، ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސްކްރީނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި އެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަކަމަށް ލަހުފާ ވިދާޅުވިއެވެ. 

ލަހުފާ ވިދާޅުވީ ނާދީގައި އެންމެ ފުޅާކޮށް ކުރަމުން ދަނީ އިޖުތިމާއީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަސައްކަތްތައް ކަމަށާއި، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރެވުމާއެކު، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އިސްރަށްވެހިންގެ ދިރިއުޅުމަށް އެދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. 

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ހުޅުމާލޭގައި ވެސް އިސްރަށްވެހިންގެ ނާދީއެއް ހުޅުވައި، ދޮށީ އުމުރުގެ ފަރާތްތަކަށް ހުޅުވާލާފައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި އިސްރަށްވެހިންގެ އިޖުތިމާޢީ ސެންޓަރު ހުންނަނީ ޓަވަރު އަށެއްގައެވެ. 

"މިހާރު ހުޅުމާލޭގަ އަޅުގަނޑުމެން މިވަނީ އިސްރަށްވެހިންނަށް މިކަހަލަ ހިދުމަތްތަކެއް ދޭނެ ޖާގައެއް ތަރައްގީކުރެވިފަ. އެތަނުގެ ތަޖުރިބާއަށް ބަލާއިރު ހިޔާ ސަރަހައްދުގަ ދިރިއުޅޭ ބޭފުޅުން މަޑުމަޑުން އެތަނަށް އައިސް އެތަނުގެ ހަރަކާތްތަކުގައި މިހާރު ބައިވެރިވަމުން އަންނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެބޭފުޅުންގެ ހިޔާލުތައް ވަރަށް ތަނަވަސް،" ލަހުފާ ވިދާޅުވިއެވެ. 

ލަހުފާ އިތުރަށް ވިދާޅުވީ 2050 ވަނަ އަހަރަށް ދާއިރު ރާއްޖޭގެ ދޮށީ އުމުރުގެ އާބާދީ ބޮޑުވާނެ ކަމަށާއި، އެބޭފުޅުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ވަސީލަތްތައް ތަރައްގީކުރުމުގެ ބޭނުމަކީ ސަރުކާރުން ދުރާލާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތަކެއް ގާއިމުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރަމުން ލަހުފާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެފަދަ ޖާގައެއް ތަރައްގީ ކުރުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށެވެ. އެގޮތުން އިސްރަށްވެހިންނަށް ޚާއްސަ ޖާގަތައް ތަރައްގީ ކުރުމަށް 13 ކައުންސިލަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ލަހުފާ ވިދާޅުވިއެވެ. 

އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިސްރަށްވެހިންގެ ނާދީ ހިންގަމުން އަންނަނީ ދޮށީ އުމުރުގެ ފަރާތްތަކުގެ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ގޮތަށެވެ. ނާދީގައި ގެންދާ ތަފާތު ހަރަކާތްތަކާއެކު އެތަނަށް ޒިޔާރަތްކުރާ އިސްރަށްވެހިންގެ އަދަދު ގިނަވެ، އެބޭފުޅުންގެ އިޖުތިމާއީ ދުޅަހެޔޮަކަމަށް ރަނގަޅު އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު