ENGLISH

26 އޭޕްރީލު 2025

Advertisement

ލިވަޕޫލްގައި އިތުރު ދެ އަހަރު މަޑުކުރާން ސަލާހު ނިންމައިފި

11 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ލިވަޕޫލްގެ ފޯވާޑް، ސަލާހު. --ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެ ކުލަބުގައި އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަށް މަޑުކުރަން ނިންމައިފިއެވެ.

އުމުރުން 32 އަހަރުގެ ސަލާހު، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ކުރިން އޮތް ގޮތުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި، މިދިޔަ ދުވަސްތަކުގައި ލިވަޕޫލުން އޭނާ  އެކު ކޮންޓްރެކްޓް އައު ކުރުމަށް ކުރި މަސައްކަތްތަކުގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ލިވަޕޫލްގައި އިތުރު ދެ އަހަރު ދުވަހު މަޑުކުރުމަށް އެއްބަސްވުމަށް ފަހު ސަލާހު ދެއްކި ވާހަކައިގައި ވަނީ، މިހާރު އޮތް ލިވަޕޫލް ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އެ ޓީމަކީ މޮޅު ޓީމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި، މީގެކުރީން ވެސް ލިވަޕޫލްގައި އޮތީ މޮޅު ޓީމެއް ކަމަށާއި، އޭނާ އެ ޓީމުގައި މަޑުކުރަން ނިންމި މައިގަނޑު ސަބަބަކީ، ކުރިއަށް އޮތް ތާނގާއި ވެސް ގިނަ ޓްރޮފީތަކެއް ކާމިޔާބުކުރުމުގެ އުއްމީދުގައި އެ ކަން ގަބޫލުކުރެވޭތީ ކަމަށް ވެސް ސަލާހު ބުންޏެވެ.

"އަހަރެންގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ މިތާނގައި، މިހާތަނަށް 8 އަހަރު ދުވަސް ހޭދަކޮށްފީމު. އުއްމީދަކީ 10 އަހަރު މަޑުކުރުން. މިތާނގަ އަހަރެންނަށް ދިރިއުޅުމުންނާއި ފުޓްބޯޅަ ކުޅުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބިފައިވަނީ،" ސަލާހު ބުންޏެވެ.

ސަލާހު ވަނީ، ކުލަބު ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށްފަހު އެ ޓީމަށް ނަތީޖާ ރަނގަޅުކޮށްދިނުމުގައި ދެމިހުރުމާއެކު ގަދައަޅައި އެކަމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.

އަދި، މިހާރެކޭ އެއްގޮތަށް ކުލަބަށް ސަޕޯޓަރުންގެ އެހީތެރިކަން ދެމުން ގެންދިއުމަށާއި ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރާނީ މުސްތަގުބަލުގައި އިތުރު ޓްރޮފީތައް ކާމިޔާބުކުރުމަށް ކަމަށް ވެސް ސަލާހު ބުންޏެވެ.

މީގެ 8 އަހަރު ކުރީން، 2017 ވަނަ އަހަރު އިޓަލީގެ އޭއެސް ރޯމާ އިން ލިވަޕޫލަށް ބަދަލުވި ފަހުން ސަލާހު ވަނީ އެ ޓީމަށް ކުޅެދިން 394 މެޗުގައި 243 ލަނޑުޖަހައި، އެ ކުލަބުގެ ތާރީޚުގައި މިހާތަނަށް އެންމެ ގޯލްޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނަ އަށް ޖެހިލައިފައެވެ.

އޭނާ ވަނީ ލިވަޕޫލްގައި ހޭދަކުރި މުއްދަތުގައި އިނގިރޭސި ޕްރިމިއަރ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން އެފްއޭ ކަޕާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށް، ލީގު ކަޕް ދެ ފަހަރު އުފުލާލައިފައެވެ.

އެންމެ ފަހުގެ މީޑިއާ ޚަބަރުތައް ބުނާގޮތުން، ސަލާހުގެ އިތުރުން ލިވަޕޫލުން ވަނީ އެ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓް އައު ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ. މިއާއެކު، ކުރިން ބެލެވިފައި އޮތް ގޮތުން މި ފަހަރުގެ ހޫނު މޫސުމުގައި އެ ޓީމު ދޫކޮށްލާނީ އިނގިރޭސި ޑިފެންޑަރު، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު