ENGLISH
26 މޭ 2026
އެންމެ މަޤްބޫލު
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ނެގި ސްޕެއިނުގެ ސްކޮޑުގައި ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިއަކު ނުހިމެނެއެވެ. މިއީ ސްޕެއިނުގެ ފުޓްބޯޅަ ތާރީޚުގައިވެސް ރެއާލްގެ ކުޅުންތެރިއަކު ނުލައި، ސްޕެއިނުން ވޯލްޑް ކަޕަކަށް ނުކުންނާނެ ފުރަތަމަ ފަހަރެވެ.
ރެއާލުން މި ސީޒަން ނިންމާލީ ކާމިޔާބީއެއް ނުލިބިއެވެ. އެކަމަކު އެ ޓީމުގެ ކުޅުންތެރިއަކު ސްޕެއިނުގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ނެތުމުން، އެ ގައުމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭއަށް ވަނީ ގިނަ ސުވާލުތަކެއް އަމާޒުވެފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން ޑެ ލަ ފުއެންޓޭ ބުނީ ސްކޮޑު އެކުލަވާލުވުމުގައި ވަކި ކުލަބަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށެވެ.
ސްޕެއިންގެ ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހު 22 ވަނަ ދުވަހު އަނިޔާވެގެން ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް އާއި ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވަމުން އަންނަ އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ހިމެނެއެވެ. އަދި އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އާސެނަލްގެ މިކޭލް މެރީނޯވެސް ވަނީ ޓީމުގައި ހިމަނާފައެވެ.
މުޅިން އަލަށް ސްޕެއިން ޓީމުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑުގެ ޑިފެންޑަރު މާކް ޕިއުބިލް އާއި އޮސަސޫނާގެ ފޯވާޑް ވިކްޓަރ މުނޯޒް ހިމެނެއެވެ.
ސްޕެއިންގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ބާސެލޯނާގެ 8 ކުޅުންތެރިއަކު ހިމެނުނުއިރު، އެ ޓީމުގެ ގޯލްކީޕަރު ޖޮއާން ގާސިއާ އާއި، ޔަމާލް އަދި ޑިފެންޑަރު ޕައު ކުބާސީ އަކީ ވޯލްޑް ކަޕަށް މުޅިން އައު ކުޅުންތެރިންނެވެ. އަދި ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާވެސް މި ފަހަރުގެ ސްކޮޑުގައި ހިމެނުނުއިރު، އޭނާ އަދި މިހާތަނަށް ވޯލްޑް ކަޕް މެޗެއްގައި ކުޅެފައެއް ނުވެއެވެ. އެގޮތުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ކޯޗު ލުއިސް އެންރީކޭ އެކުލަވާލި ސްޕެއިންގެ ސްކޮޑުގައި ގާސިއާ ހިމެނުނު ނަމަވެސް، އެ މުބާރާތުގެ އެއްވެސް މެޗެއްގައި އޭނާ ބޭނުން ކޮށްފައެއް ނުވެއެވެ.
48 ޓީމު ވާދަކުރާ މި ފަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ހިމެނެނީ ގްރޫޕް އެޗްގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ކޭޕް ވާޑޭ، ސައުދީ އަރަބިއްޔާ އަދި އުރުގުއޭއެވެ.