ENGLISH

26 މޭ 2026

Advertisement

މިއަހަރުގެ ވޯލްޑް ކަޕުގެ ވިނަގަނޑު ތައްޔާރުކުރުމަށް ސައިންސްވެރިން ބުރަ މަސައްކަތްތަކެއް ކުރަނީ

26 މޭ 2026

|

އާމިނަތު ނުޒްލާ

މިއަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުން-- ފޮޓޯ: ބީބީސީ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ގައުމުތައް ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ސްޓޭޑިއަމްތަކުގައި ފެންވަރު ރަނގަޅު ވިނަގަނޑެއް އެޅުމަށްޓަކައި ސައިންސްވެރިންގެ ޓީމަކުން ދިގު މުއްދަތަކަށް ކުރި ދިރާސާތަކެއްގެ ނަތީޖާ ދައްކާލުމަށް ތައްޔާރުވެއްޖެ އެވެ.

ވިނަގަނޑުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް، ދައްކާލުމުމުގެ މަސައްކަތް ކުރަމުން އަންނަ ސަބަބުތަކަށް ބަލާލަމާތޯ އެވެ. އެގޮތުން އެމެރިކާގައި ދާދިފަހުން ބޭއްވި ކޮޕާ އެމެރިކާ މުބާރާތުގައި ވިނަގަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން އެޓްލާންޓާގައި އާޖެންޓީނާ އާއި ކެނެޑާ ބައްދަލުކުރި މެޗަށްފަހު، އާޖެންޓީނާގެ ކޯޗާއި ކުޅުންތެރިން ވަނީ ދަނޑުގެ ވިނަގަނޑު "ޑިޒާސްޓަރެއް" ގެ ގޮތުގައި ސިފަކޮށް، ބޯޅަ ކޮންޓްރޯލް ކުރަން އުނދަގޫވި ކަމަށް ބުނެ އެކަމުގެ ޝަކުވާ ކޮށްފަ އެވެ.

ޖޯން ސޮރޯޗަން އާއި ޓްރޭ ރޮޖާސް ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ބީބީސީ

ދެހާސް ސައްބީހުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ވިނަގަނޑު ތައްޔާރުކުރުމުގެ މަސައްކަތް، ފީފާއިން ހަވާލުކޮށްފައިވަނީ ޓެނެސީ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖޯން ސޮރޯޗަން އަދި މިޗިގަން ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޓްރޭ ރޮޖާސްއާ އެވެ. މި ދެ ބޭފުޅުންނަކީ "ވިނައިގެ ސައިންސް" ނުވަތަ ޓާފްގްރާސް ސައިންސްގެ ދާއިރާގައި މަޝްހޫރު ދެ ތަޖުރިބާކާރުންނެވެ.

ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި މި ޓީމުން ވަނީ 170 އަށްވުރެ ގިނަ ތަފާތު ތަޖުރިބާތައް ކޮށްފަ އެވެ. އޭގެ ތެރޭގައި ބޯޅަ ބައުންސްވާ މިންވަރާއި، ކުޅުންތެރިންގެ ބޫޓު ވިނަގަނޑުގައި ހިފާ މިންވަރާއި، އަދި އެކި މޫސުންތަކަށް ބޭނުންވާނެ ވިނައިގެ ބާވަތްތައް ހޯދުން ހިމެނެ އެވެ. ސޮރޯޗަން ބުނި ގޮތުގައި، ވިނަގަނޑުގެ ދިގުމިނުގައި ހުންނަ އެންމެ ފަސް މިލިމީޓަރުގެ ތަފާތަކުންވެސް، ކުޅިވަރުގެ ފޯރިއާއި ބޯޅަ ދައުރުވާ ދުވެއްޔަށް ބޮޑު ބަދަލެއް އަތުވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ 16 ސްޓޭޑިއަމްގެ ތެރެއިން ފަސް ސްޓޭޑިއަމަކީ މަތި ބަންދުކޮށްފައި ހުންނަ ތަންތަނެވެ. މިއީ ސައިންސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ސަބަބަކީ ވިނަ ހެއްދުމަށް އިރުގެ އަލި ބޭނުންވާއިރު، އެފަދަ ދަނޑުތަކަށް ސީދާ އިރުގެ އަލިކަން ނުލިބޭތީ އެވެ. މިކަމަށް ހައްލެއް ހޯދުމަށް އެލް.އީ.ޑީ (LED) ލައިޓް ބޭނުންކޮށްގެން ވިނަ ހެއްދުމުގެ އައު އުކުޅުތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.

ލެޑް ލައިޓް ބޭނުންކޮށްގެން ވިނަ ހެއްދުމުގެ ދިރާސާތައް-- ފޮޓޯ: ބީބީސީ

ފީފާއިން ވަނީ މި ދިރާސާތަކަށް ފަސް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަކޮށްފަ އެވެ. މި މަސައްކަތުގެ މަގްސަދަކީ ކުޅުންތެރިންނަށް އަނިޔާވުމުން ސަލާމަތްކޮށް، ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތުގައި އެންމެ ފުރިހަމަ ކުޅުމެއް ދެއްކޭނެ ފަދަ ތަނަވަސް މާހައުލެއް ދަނޑުމަތީގައި ގާއިމްކޮށްދިނުން ކަމަށް ފީފާއިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު