ENGLISH

26 މޭ 2026

Advertisement

އެންމެ ޙާޖީއެއް ފިޔަވައި ދިވެހި ހުރިހާ ޙާޖީން މިވަގުތު ތިބީ ޢަރަފާތު ބިމުގައި

26 މޭ 2026

|

އާމިނަތު ނުޒްލާ

ދިވެހި ޙާޖީން އަރަފާތު ބިމުގައި-- ފޮޓޯ: ޙައްޖު މިޝަން

އެންމެ ޙާޖީއެއް ފިޔަވައި، ދިވެހި ހުރިހާ ޙާޖީން މިވަގުތު ތިބީ ޢަރަފާތު ބިމުގައިކަމަށް ދިވެހި ޙައްޖު މިޝަންއިން ބުނެފި އެވެ.

އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ޙާޖީންނަށް މިވަގުތު ޢަރަފާތު ބިމަށް ދެވިފައިވާކަމަށެވެ. ޢަރަފާތު ބިމަށް ނުދެވޭ ޙައްޖުވެރިޔާ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާ ދެވެމުން އަންނަ ކަމަށާއި، އެ ކޯޕަރޭޝަންގެ އެހީތެރިންނާއެކު އެޙާޖީވެސް ޢަރަފާތު ބިމަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވި އެވެ.

ދިވެހި ޙައްޖާޖީން އަރަފާތު ބިމަށް ދިއުމަށްޓަކައި މިނާއިން ދަތުރުފެށީ ރާއްޖޭގެ ގަޑިން ރޭ 23:00ގަ އެވެ. ދިވެހިން އެބިމަށް ގެންދިއުމަށް 22 ބަސް ބޭނުންކޮށްފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. މި ބަސްތަކުގެ ތެރެއިން އެންމެ ފަހު ބަސް ޢަރަފާތު ބިމަށް ގޮސްފައިވަނީ ރާއްޖެ ގަޑިން ފަތިހު 5:00 ހާއިރު އެވެ.

ދިވެހި ޙާޖީންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށްޓަކައި، ޙައްޖު މިޝަންއާއި ޙައްޖު ކޯޕަރޭޝަނުން ގިނަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައިވެއެވެ.  އެގޮތުން ޢަރަފާތު ބިމުގައި އެންމެހާ އިންތިޒާމްތައްވެސް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވެ އެވެ. ޙައްޖު މިޝަންއިން ބުނީ ހުރިހާ ޙާޖީންގެ ހާލުވެސް ޖުމަލްކޮށް ރަނގަޅުކަމަށެވެ.

ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މާތް ދުވަހެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ޙާޖީން މަޑުކުރާނީ ޢަރަފާތުގެ މަޝާއިރުގައި، ޙައްޖުގެ މަނާސިކުތަކުގައި މަޝްޢޫލުވެގެންނެވެ. ޙައްޖު މަހުގެ ނުވަ ވަނަ ދުވަހަށް އިރުއެރުމާ ހަމައިން ފެށިގެން ޢަރަފާތު ދުވަސް ފެށުނީ އެވެ. ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފަށައިގެން އިރުއޮއްސިއްޖެއުމަށް ދާންދެންނެވެ.

ޙައްޖުވެރިންނަށް ދޭ ދިވެހި ޚުތުބާ ޢަރަފާތު ބިމުގައި މިއަދު ދެއްވާނީ، މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމުގައި އިސް ޝެއިޚުގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޝެއިޙް އިލްޔާސް ޙުސައިން އެވެ.

ޙައްޖުވެރިން ޢަރާފާތުގައި މަޑުކުރުމަށްފަހު، މުޛްދަލިފާއަށް ދާން ދަތުރުފަށާނީ މިރޭ އިރުއޮއްސުމުންނެވެ. އަދި މާދަމާ މިނާއަށްގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކާ ދެން ހިމެނޭ ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލު (އިހުރާމު ކެނޑޭނެ)އެވެ.

ކިޔުންތެރިންގެ ހިޔާލު