ENGLISH
26 މޭ 2026
ދުވަސްތަކުގެ ސާހިބާ؛ ފުއްސެވުމާއި ދިންނެވުމާއި ރަޙުމަތުގެ އުފަލާއެކު ބައްދަލުކުރި އަގުހުރި މެހެމާނެއް
26 މޭ 2026
|
ޢަރަފާތުގެ ބިމުގައި ޙައްޖުވެރިން
އެންމެ މަޤްބޫލު
ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، މާތްﷲގެ ގެކޮޅަށް ޙައްޖުވުމަށް ގޮސްތިބި މުސްލިމުން ޢަރަފާތުގެ މަތިވެރި ބިމަށް ޖަމާވަމުންދާނެއެވެ. އެއީ ޙައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުހިއްމު ރުކުންކަމަށްވާ ޢަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަަށެވެ. އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. އެ ދުވަސް ބައްދަލުކުރަނީ ފާފަތަކާއި ކުށްތަކަށް އަފޫ ލިބުމާއެކުއެވެ. އެ ދުވަހުގައިވަނީ ދުޢާތައް އިޖާބަކުރެއްވުމެވެ. ދީން ފުރިހަމަކުރައްވައި، މުސްލިމުންގެ މައްޗަށް ފުރިހަމަ ނިޢުމަތް މިންވަރުކުރެއްވި މަތިވެރި ދުވަހަަކީ ޢަރަފާތު ދުވަހެވެ. އެ ދުވަހުގައި ޙައްޖުވެރިންނާއި، ޙައްޖަށް ނުދާ މީހުންނަށްޓަކައި ލެއްވި މަންފާތައް ގިނަގުނަ ނަބަވީ އިރުޝާދުފުޅުތަކުގައި ވާރިދުވެފައިވެއެވެ.
މުއުމިންތަކުންގެ މައިކަމަނާ އެބޭކަނބަލަކަށް މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ޞަޙީޙު މުސްލިމުގައި ވާރިދުވެފައިވާ ޙަދީސްބަސްފުޅެއްގެ މާނާގައިވެއެވެ. "ޢަރަފާތް ދުވަހަށްވުރެ ގިނައިން އެއްވެސް ދުވަހެއްގައި މާތްﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މުއްތިނުކުރައްވަތެވެ."
މުސްނަދު އަޙްމަދާއި، ޞަޙީޙް އިބްނު ޙައްބާނާއި، އަލްޙާކިމުގެ މުސްތަދުރަކުގައި އަބޫހުރައިރަތުގެފާނުގެ ކިބައިން ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ރަސޫލާ ޙަދީސްކުރެއްވިކަމަށް ރިވާވެފައިވާ ހަދީސްބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، ޢަރަފާތުގެ ބިމުގައި ތިބި މީހުންނާ މެދު، ﷲ ތަޢާލާ އުޑުގެ އަހުލުވެރިންގެ (މަލާއިކަތުންގެ) ކުރިމަތީގައި ފަޚުރުވެރިވެވޮޑައިގަންނަވައެވެ. އަދި ވަހީކުރައްވައެވެ: 'ތިމަންކަލާނގެ އަޅުންނަށް ބަލައިބަލާށެވެ! އެއުރެން ތިމަންކަލާނގެ ހަޟްރަތަށް އެއައީ ބޯހަޑިވެ، ހިރަފުހުން ތަތްތެޅިފައިވާ ހާލުގައެވެ."
އިބްނު ޚުޒައިމާއާއި އިބްނު ޙައްބާން އަދި އަލްބައިހަޤީ ޖާބިރުގެފާނުގެ އަރިހުން ރިވާކުރެއްވި ޙަދީސެއްގައި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޙަދީސްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ޢަރަފާތް ދުވަހަށްވުރެ ﷲ ތަޢާލާގެ ހަޟްރަތުގައި މާތްކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަހެއް ނުވެއެވެ. އެކަލާނގެ (އެ ދުވަހު) ދުނިޔޭގެ އުޑަށް ރަޙްމަތްލައްވައި، ބިމުގެ އަހުލުވެރިންނާ (ހައްޖުވެރިންނާ) މެދު އުޑުގެ އަހުލުވެރިންގެ (މަލާއިކަތުންގެ) ކުރިމަތީގައި ފަޚުރުވެރިވެވޮޑައިގަންނަވައެވެ. އަދި ވަހީކުރައްވައެވެ: 'ތިމަންކަލާނގެ އަޅުންނަށް ބަލައިބަލާށެވެ! އެއުރެން ތިމަންކަލާނގެ ހަޟްރަތަށް އެއައީ ބޯހަޑިވެ، ހިރަފުހުން ތަތްތެޅި، ދުޢާގެ އަޑުތައް އުފުލައިގެންނެވެ. އެއުރެން އެއައީ ދުރުތަންތަނުން ދަތުރުކޮށްފައެވެ. އެއުރެން އެދެނީ ތިމަންކަލާނގެ ރަޙްމަތަށެވެ. އަދި ތިމަންކަލާނގެ ކޯފާއެއް (ނުވަތަ އަޒާބެއް) އެއުރެންނަކަށް ނުފެނެއެވެ.' ފަހެ، ޢަރަފާތް ދުވަހަށްވުރެ ގިނައިން މީހުން ނަރަކައިން މިންޖުކުރެއްވޭ އެހެން އެއްވެސް ދުވަހެއް ނުފެންނާނެއެވެ."
އިމާމް މާލިކު އެކަލޭގެފާނުގެ އަލްމުވައްޠައޭ ކިޔުނު ފޮތުގައި ރިވާކުރެއްވި ޙަދީސެއްގައި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ޞިފަކުރެއްވި ގޮތުގައި ޢަރަފާތު ދުވަހަށްވުރެ، ޝައިޠާނާ ކުޑަވެ، ނިކަމެތިވެ، ރުޅިގަދަވެ، ބޭރުކޮށްލެވޭ ދުވަހެއް ނާދެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވި ގޮތުގައި މިހައިބޮޑަށް ޝައިޠާނާ ނިކަމެތިވެ، ބަލިކަށިވެ، ރުޅިގަދަވާ ސަބަބަކީ އެ ދުވަހުގައި މާތްﷲގެ ރަޙުމަތް ބާވައިލެއްވޭ މިންވަރާއި، ބޮޑެތި ފާފަތައް އެކަލާނގެ ފުއްސަވާ މިންވަރު އޭނާއަށް ފެނުމެވެ.
މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބުގެ އަރިހުން ބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީސެއްގަަައިވެއެވެ. ޔަހޫދީއަކު ޢުމަރުގެފާނުގެ އަރިހުގައި ދެންނެވިއެވެ. އޭ މުއުމިނުންގެ އަމީރެވެ. ތިޔަ ބޭކަލުންގެ ފޮތުގައި އޮންނަ، ތިޔަ ބޭކަލުން ކިޔަވައިވިދާޅުވާ އާޔަތެއް، އަހަރުމެން ޔަހޫދީންގެ މައްޗަށް މާތްﷲ ބާވައިލެއްވިނަމަ، އެ އާޔަތުގައި އިޝާރާތްކުރައްވާ ދުވަހަކީ އަހަރުމެންގެ ޢީދެއް ކަމުގައި ހެދީމުހެވެ. ޢުމަރުގެފާނު އޭނާ ކުރެން އެއްސެވިއެވެ. ތިޔަ އިޝާރާތްކުރަނީ ކޮން އާޔަތަކަށް ހެއްޔެވެ. ޔަހޫދީ މީހާ ދެންނެވިއެވެ. "اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا" (ސޫރަތުލް މާއިދާގެ ތިންވަނަ އާޔަތް) އޭނާ އެ އާޔަތް ކިޔުމުން ޢުމަރުގެފާނު ވިދާޅުވިއެވެ. އަހަރުމެންނަށް ޞަލަވާތާއި ސަލާމް ލެއްވުނު ނަބިއްޔާގެ މައްޗަށް ތިޔަ އާޔަތް ބާވައިލެއްވުނު ދުވަހާއި ތަން އެނގެއެވެ. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތުގައި ހުންނަވަނިކޮށް ހުކުރުދުވަހުގައެވެ.
އެ ދުވަހުގައި އިސްލާމްދީން ފުރިހަމަކުރެއްވީ، އޭގެ ކުރިން މުސްލިމުން އިސްލާމްކަމުގެ ޙައްޖުވެފައި ނެތުމުންނެވެ. ފުރަތަމަ ފަހަރަށް ޙައްޖުގެ އަޅުކަން މުސްލިމުންނަށް އަދާކުރެވި އިސްލާމްކަމުގެ ހުރިހާ ރުކުނެއް ފުރިހަަމަކުރުމުގެ ނަސީބު މާތްﷲ މުސްލިމުންނަށް މިންވަރުކުރެއްވީއެވެ. އަދި އެ ދުވަހު މާތްﷲ ޙައްޖުގެ އަޅުކަން މާތްﷲ ރުއްސުންލެއްވި އިބްރާހީމުގެފާނުގެ ސާފު މިއްލަތުގެ އުސޫލުތަކަށް އިއާދަކުރެއްވީތީއެވެ. ޝިރުކުގެ ދަމިލައިގެ ތެރެއިން ޙައްޖުގެ ތެރެއަށް ވަދެފައި ހުރި އެންމެހައި ސުންޕާކަންތައްތައް ޙައްޖާ މުޅީން ވަކިކުރެއްވީތީއެވެ.
ނިޢުމަތް ފުރިހަމަކުރެއްވުމުގެ މުރާދަކީ މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން މުސްލިމުންގެ ފާފަތައް ފުއްސެވުމެވެ. ފާފަ ފުއްސެވުމާ ނުލައި ނިޢުމަތެއް ފުރިހަމަނުވާނެއެވެ. ސޫރަތުލް ފަތުޙުގެ ދެވަނަަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުން މި މާނައަށް ބާރުލިބެއެވެ. ليغفر لك الله ما تقدم من ذنبك وما تأخر ويتم نعمته عليك" (سورة الفتح: من الآية 2) މާނައީ؛ "(އެއީ) ކަލޭގެފާނުގެ އިސްވެދިޔަ ފާފައާއި، ފަސްވެދިޔަ ފާފަ، ﷲ ކަލޭގެފާނަށް ފުއްސަވައިދެއްވުމަށެވެ. އަދި ކަލޭގެފާނުގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވުމަށެވެ.،"
ޢަރަފާތް ދުވަހަށް ޢިލްމުވެރިން ދެއްވާ އަނެއް ނަމަކީ، ބޮޑު ޙައްޖުގެ ދުވަސް ނުވަތަ يوم الحج الأكبر އެވެ. އެއީ އެ ދުވަހުގައި ޙައްޖުގެ އެންމެ މަތިވެރި ރުކުން ޙައްޖުވެރިން އަދާކުރާކުރުމަށް ބިނާކުރައްވަައި ޢިލްމުވެރިން ދެއްވާ ނަމެއް ނުވަތަ ލަގަބެކެވެ. އެ ރުކުނަކީ ޢަރަފާތުގެ މަތިވެރި ބިމުގައި ތިބެ، ގިނަގިނައިން ދުޢާކޮށް ޛިކުރުކުރުމެވެ. އެ ރުކުން ފުރިހަމަނުވި މީހަކަށް ޙައްޖުގެ އަޅުކަން ނުލިބޭނެއެވެ.
ޢަރަފާތުގައި ހުރުމުގެ މުރާދަކީ އެ ބިމުގައި ދެފައި ސާބިތުވެ ހުރުން އެކަންޏެއް ނޫނެވެ. އެއީ އެ ބިމުގައި ހަށިގަނޑާއ ރޫޙާއި ބުއްދިން ހާޒިރުވެ ހުރުމެވެ. އެހެންވީމާ އިށީނދެ އިނަސް، އޮށޯވެ އޮތަސް، ޢަރަފާތު ބިމުގައި ހާޒިރުވެ ހުރެ، ދުލާއި ހިތް ސީދާކޮށް ދުޢާކުރުން ގިނަކޮށް، ޛިކުރުކުރުމަށް ހުސްވެގަނެ، ސަވާބާއި ދަރުމައަށް އަދައިގެން އަޅުކަންކުރުން ފިޔަވައި ޢަރަފާތު ބިމުގައި ޙައްޖުވެރިޔަކު ކުރާނެ ކަމެއް ނޯންނާނެއެވެ. އެގޮތުގައި އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ޙައްޖުވެރިން އެ ބިމުގައި ތިބޭނެއެވެ.
އައްތިރުމިޛީ ރިވާކުރެއްވި ޙަދީސެއްގައި ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ ޙަދީސްކުރެއްވިއެވެ. خير الدعاء دعاء يوم عرفة، وخير ما قلت أنا والنبيون من قبلي لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير" މާނައީ: "އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލާނގެއާއި ތިމަންކަލާނގެ ކުރިން ވަޑައިގެންނެވި ނަބިއްޔުން ވިދާޅުވި އެންމެ ހެޔޮ ބަހަކީ: (لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير) މާނައީ: ﷲ މެނުވީ އަޅުކަންކުރުން ޙައްޤުވާ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް شريك އަކު (ބައިވެރިޔަކު) ނުވެއެވެ. މުޅި މިލްކުވެރިކަން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދުތަކެއް ލިބިވޮޑިގެންވަނީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
ޢަރަފާތު ދުވަހުގައި އެކުލެވޭ ރަޙްމަތާއި ފުއްސެވުން ލިބުމުގެ އެއް ސަބަބަކީ ޛިކުރުކުރުމާއި ދުޢާކުރުން ގިނަކުރުމެވެ. ހާއްސަކޮށް ޝަހާދަތުގެ ދެކަލިމަ ގިނައިން ކިޔައި، އެއްކައުވަންތަކަމުގެ މައްޗަށް ހެކިވުމެވެ. އެއީ އިސްލާމްދީނު އެ މައްޗަށް ބިނާވާ އަސްލެވެ. އެނޫންވެސް ޛިކުރުތަކާއި ދުޢާތައް އެދުވަހު ކިޔަމުންދާންވީއެވެ. އަދި އަމިއްލަ ކަންކަމުގައި މާތްﷲގެ ޙަޟްރަތުގައި ދަންނަވަންވީއެވެ. މިއީ ޢަރަފާތު ބިމުގައި ތިބޭ ޙައްޖުވެރިންނާއި، އެ ނަސީބު މިންވަރުފުޅުން ނުލިބުނު މީހުންނަށްވެސް ކުރެވޭނެ ކަމެކެވެ.
ޙައްޖުގައި ތިބޭ މީހުންނަށް ނުކުރެވޭނެ، ޙައްޖަށް ނުދެވޭ މީހުންނަށް އެ ދުވަހުގައި ކުރެވޭނެ ޚާއްޞަ ކަމެއްގެ ގޮތުގައި މާތްﷲ ލައްވާފައިވަނީ ޢަރަފާތު ދުވަހުގެ ރޯދައެވެ. އެ ދުވަހުގެ ރޯދައާމެދު ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު މުޞްޠަފާ ޙަދީސްކުރެއްވި ބަސްފުޅެއްގައިވެއެވެ. "ޢަރަފާތް ދުވަހުގެ ރޯދައާ މެދު ތިމަންކަލޭގެފާނު ﷲ ގެ ޙަޟްރަތުން އުންމީދުކުރައްވަނީ (އަދި ދެކެވަޑައިގަންނަވަނީ) އެ ދުވަހުގެ ރޯދައިގެ ސަބަބުން، އިސްވެދިޔަ އަހަރުގެ ފާފަތަކާއި އަދި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށެވެ."
ރޯދައިގެ އިތުރަށް ޢަރަފާތް ދުވަސް ހިމެނޭހެން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އިތުރު ހެޔޮކަންކަން ކުރުން އިތުރުކުރުމަކީ ސުންނަތެކެވެ. ޞަދަޤާތް ދިނުމާއި، ސުންނަތް ނަމާދުތައްކުރުމާއި ޛިކުރާއި ދުޢާއެވެ. މިފަދަ ކޮންމެ ހެޔޮ ޢަމަލެއް އެ ދުވަސްތަކުގައި ކުރުމުން އެކަމުގައި އެކުލެވޭ ދަރުމަ މާތްﷲ އިތުރުކުރައްވާނެ ކަމުގެ ހެޔޮ ޚަބަރު ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ ދެއްވާފައިވެއެވެ.
ބުޚާރީގައި ވާރިދުވެފައިވާ ޙަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ. "މި ދުވަސްތަކަށްވުރެ (އެބަހީ: ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ)، އެ ދުވަސްތަކެއްގައި ކުރެވޭ ހެޔޮޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޯބިވެތިކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ." ޞަޙާބީން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސްމެއެވެ. އެހެންނަމަވެސް، އޭނާގެ ފުރާނައާއި މުދަލާއެކު (ޖިހާދަށް) ނިކުމެ، އޭގެ ތެރެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ (އެބަހީ: ޝަހީދުވި މީހާ) މެނުވީއެވެ."
މިއަދަކީ އަހަރުގެ ދުވަސްތަކުގެ ސާހިބާއެވެ. އަންނަަ އަހަރު މި ދުވަސް ބައްދަލުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ނެތެވެ. މި މެހެމާނު އެއައީ ނިޢުމަތްތަކާއި އަގުހުރި ހަދިޔާތަކާއެކުއެވެ. އެ މެހެމާނު ވަކިވެގެންދާން މާގިނައިރެއް ނެތެވެ. ފުއްސެވުމާއި، ދިންނެވުމާއި، ނަރަކައިން މުއްތިކުރެއްވުމާއި، ގުނަނުކުރެވޭ ދަރުމައާއި ސަވާބާއި، ވުނަނުވާނެ ރަޙުމަތް އެމެހެމާނުގެ އަތުން ހޯދާށެވެ. ރޯދައާއި ޛިކުރުތަކާއި ދުޢާއާއި، ފަރުޟު ނަމާދާއި، ސުންނަތް ނަމާދުތަކާއި، ޞަދަޤާތުގެ ބަދަލުގައި މި މެހެމާނު ދޭން ހުރީ އަގުނުކުރެވޭނެ ހާސް އުފަލެވެ. އެ އުފާ ހޯދާށެވެ. އެ އުފަލުން ވަޅޯވެ މޯޅިވެފައިވާ ނަފްސުތަކަށް ތާޒާކަމާއި އާރޯކަން ގެންނާށެވެ. މި މެހެމާނު ވަކިނުވަނީސް ގެނައި އުފާވެރިކަމުން ތިބާގެ ހިއްސާ ތިބާއަށް ކަށަވަރުކުރާށެވެ.