ENGLISH

20 ޖުލައި 2026

Advertisement

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯނު ތައާރަފްކޮށްފި

19 ޖުލައި 2026

|

އައިމިނަތު ޝަފާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންއަށް ހެޔޮބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސާޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިން ލިބޭ ގޮތް ހަމަޖައްސައިފިއެވެ.

ބޭންކުން ބުނީ މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންއެއްކަމަށެވެ. މި ފައިނޭންސިންގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، ޑޮލަރުން ލިބުމަކީ ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމެއްކަމަށް ބޭންކުން ބުންޏެވެ.

މި ފައިނޭންސިންގެ ދަށުން ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭއިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެއެވެ.

މި ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް ގެނެވުނު ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ގެނައި ބަދަލެއްކަމަށެވެ. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށްހަދައިދިނުމަށްކަމަށް ބޭންކުން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު