ENGLISH
21 ޖުލައި 2026
ސްޕެއިން މާ މޮޅަށް ކުޅުނު، ބަލި ގަބޫލުކުރަން: މެސީ
20 ޖުލައި 2026
|
ވޯލްޑް ކަޕުގެ ރިހި މެޑެއްޔާއެކު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ފެންކަޅިވެފައި --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުން 1-0 ގެ ނަތީޖާއަކުން ބަލިވިއިރު، އެ މެޗުގައި އިދިކޮޅަށް ކުޅުނު ސްޕެއިން މާ މޮޅު ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ. ފައިނަލް މެޗުން ބަލިވެ، އިތުރު ކާމިޔާބީއެއް ހޯދައިނުދެވުމުން މެސީ ދަނޑުމަތީގައި ހުރީ ވަރަށް ބޮޑަށް އަސަރުކޮށް ފެންކަޅިވެފައެވެ.
މި މެޗުން ބަލިވުމާއެކު، 1962 ވަނަ އަހަރު ބްރެޒިލަށްފަހު، ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށް އާޖެންޓީނާ ކުރި އުއްމީދުތައް ވަނީ ނިމުމަކަށް އައިސްފައެވެ. އިތުރު ވަގުތުގެ ދެވަނަ ހާފު ފެށިގެން އެންމެ 37 ސިކުންތުގެ ތެރޭގައި ފެރާން ޓޮރޭޒް ކާމިޔާބުކުރި ލަނޑާއެކު ސްޕެއިން މޮޅުވެ، އެ ޤައުމުގެ ދެވަނަ ވޯލްޑް ކަޕް ތަށި ވަނީ އުފުލާލާފައެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ތިބި 80،663 ސަޕޯޓަރުންގެ ބޮޑު ބައެއް އެދެމުންދިޔައީ އުމުރުން 39 އަހަރުގެ މެސީ ދެވަނަ ފަހަރަށް ދުނިޔޭގެ ތަށި އުފުލާލުމަށެވެ. ނަމަވެސް ސްޕެއިންގެ ތަރިން ތަށި އުފުލާލައި އުފާފާޅުކުރަމުން ދިޔައިރު، މެސީއާއި އޭނާގެ ކުޅުންތެރިން ތިބީ މާޔޫސްކަމާއެކު އާޖެންޓީނާގެ ސަޕޯޓަރުންނާ ކުރިމަތިލައިގެންނެވެ.
"މިއީ ވަރަށް ހިތާމަވެރި ވަގުތެއް، އެކަމަކު އަހަރުމެން ކުޅުނީ މުޅި ހިތާއި ރޫހުންކަން ގަބޫލުކުރަން،" މެސީ ބުންޏެވެ. "ތެދަށް ބުނާނަމަ އެ މީހުން (ސްޕެއިން) މާ މޮޅު. އަހަރުމެން ބަލި ގަބޫލުކުރަން. އެކަމަކު އޭގެ މާނައަކީ މިހާތަނަށް ކުރި މަސައްކަތް ހަނދާން ނައްތާލުމެއް ނޫން. ޓީމުގެ ކުޅުންތެރިންނަށާއި، ޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން."
މުޅި މުބާރާތުގައިވެސް ސްޕެއިންގެ ފަރާތުން ފެނުނީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. ފައިނަލް މެޗުގައި ސްޕެއިނުން 20 ހަމަލާ އުފެއްދިއިރު، އާޖެންޓީނާއަށް އުފެއްދިފައިވަނީ އެންމެ ހަމަލާއެކެވެ.
ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް މެސީ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) އަށް ބަދަލުވިއިރު، ގިނަ ބަޔަކު ހީކުރީ އޭނާގެ ކެރިއަރު ނިމުމަކަށް އައީ ކަމަށެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި 8 ލަނޑާއި 4 އެސިސްޓާއެކު އޭނާ ވަނީ އަނެއްކާވެސް އާޖެންޓީނާ ފައިނަލަށް ގެންގޮސްދީފައެވެ. މެސީ ވަނީ ވޯލްޑް ކަޕުގެ ތާރީޚުގައި މިހާތަނަށް ޖުމްލަ 21 ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް ފްރާންސްގެ ކީލިއަން އެމްބާޕޭ މިހާރު ވަނީ 22 ލަނޑާއެކު އެ ރިކޯޑު މުގުރާލާފައެވެ.
މެސީއަކީ ތިން ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި އޭނާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ޖުމްލަ 125 ލަނޑު ޖަހައި، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މި މުބާރާތާއެކު، މެސީއަކީ ތާރީޚުދުށް އެންމެ މޮޅު ކުޅުންތެރިޔާކަން ވަނީ އިތުރަށް ސާބިތުވެފައެވެ.
މެޗު ނިމުމާއެކު ސްޕެއިންގެ ކުޅުންތެރިން މެސީގެ ގާތަށް ގޮސް އޭނާއަށް ހިތްވަރުދީ ހެދިއެވެ. ނަމަވެސް މެސީ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ދެވަނަ ހޮވުނު ޓީމަށް މެޑެލް ދިނުމުގެ ރަސްމިއްޔާތުގައި މެސީ ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް، އޭނާގެ މޫނުމަތިން ފެނުނީ ފުން ހިތާމައެކެވެ.
މި ކާމިޔާބީއާއެކު ސްޕެއިން ވެފައިވަނީ އެއްވަގުތެއްގައި ދުނިޔޭގެ ފިރިހެން އަދި އަންހެން ވޯލްޑް ކަޕް ތަށި އޮތް ހަމައެކަނި ޤައުމަށެވެ. ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަމުން ދިޔައިރު، މެސީ ދަނޑުން ފައިބައިގެން ދިޔައީ އިސްދަށަށް ޖަހައިގެން ހުރެ، ނުހަނު މާޔޫސްކަމާއެކުގައެވެ.