ENGLISH

21 ޖުލައި 2026

Advertisement

އިޓަލީގެ ކޯޗުގެ މަގާމު ގާޑިއޯލާއަށް ހުށަހަޅައިފި

21 ޖުލައި 2026

|

އިސްމާއިލް ޝާހު

މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ: ގެޓީ

އިޓަލީގެ ޤައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމު ޕެޕް ގާޑިއޯލާއަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެކަމަކު މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ތަކުރާރުކޮށް ބުނަމުންދަނީ އޭނާ މިހާރު ހުރީ ފުޓްބޯޅައާ ދުރުގައި އަރާމުކުރުމުގެ މަރުހަލާއެއްގައި ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ކޯޗިން ދާއިރާއަށް އެނބުރި އައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޕައޮލޯ މަލްޑިނީ، އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ދާދި ފަހުން ވަނީ ހަމަޖައްސާފައެވެ. އަދި އޭސީ މިލާންގައި މަލްޑިނީއާއެކު ކުޅުނު ބްރެޒިލްގެ ލިއޮނާޑޯ، އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށްވެސް އެ ފެޑެރޭޝަނުން ބުނެއެވެ.

ހުސްވެފައިވާ އިޓަލީގެ ކޯޗުގެ މަގާމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މަލްޑިނީ އާއި ލިއޮނާޑޯ ވަނީ ބާސެލޯނާގައި ގާޑިއޯލާއާ ބައްދަލުކޮށްފައެވެ. ސްކައި ސްޕޯޓްސްއިން ރިޕޯޓުކުރާ ގޮތުގައި މި ބައްދަލުވުންތައް ވަނީ މުޅި ހަފުތާ ބަންދަށް ދެމިގެން ގޮސްފައެވެ.

މި ބައްދަލުވުމުގެ ޚަބަރު ފެންމަތިވީ މަލްޑިނީ އާއި ލިއޮނާޑޯ ސްޕެއިންގައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. މިއާއެކު އިޓަލީގެ ކޯޗުކަމުގެ މަގާމު ގާޑިއޯލާއަށް ހުށަހެޅުމަށް އެ ދެ މީހުން ދަތުރުކުރިކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ. އިޓަލީން އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރާއިރު، އެންމެ އިސްކަންދޭ ކެންޑިޑޭޓަކީ ގާޑިއޯލާ ކަމަށް ބެލެވެއެވެ.

އުމުރުން 55 އަހަރުގެ ގާޑިއޯލާއަކީ އިޓަލީން އެންމެ ބޭނުންވާ ކޯޗު ކަމުގައި ވީނަމަވެސް، ފެޑެރޭޝަނުން ދަނީ އެހެން ގޮތްތަކެއްވެސް ހޯދަމުންނެވެ. އެގޮތުން އިޓަލީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗީނީ އާއި ޔުވެންޓަސްގެ ލެޖެންޑް އެންޑްރިއާ ޕިރްލޯގެ ނަންވެސް މި ލިސްޓުގައި ހިމެނެއެވެ. =

އިޓަލީގެ އިތުރުން ގާޑިއޯލާއަށް އިންގްްލެންޑުންވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފަހަރުގެ ފީފާ ވޯލްޑް ކަޕުން އިންގްލެންޑް ކެޓުމާ ގުޅިގެން، ތޯމަސް ޓުޗެލްގެ ބަދަލުގައި ގާޑިއޯލާ ގެނައުމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ލަފާދެމުންދެއެވެ.

ޖެނާރޯ ގަޓޫސޯ ވަކިވުމާ ގުޅިގެން، ވިދިވިދިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ލިބުނު މާޔޫސްކަމުން އަރައިގަތުމަށް އިޓަލީން ދަނީ ވަރުގަދަ ކޯޗެއް ހޯދަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު