ENGLISH

21 ޖުލައި 2026

Advertisement

ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކުރުމުން ރައީސް ޑރ. މުޢިއްޒު އެގައުމަށް މަރުޙަބާ ވިދާޅުވެއްޖެ

21 ޖުލައި 2026

|

ޢަލީ ޝަހީމް

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގައުމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަރުޙަބާގައި ވަނީ، ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް މަރުޙަބާ ވިދާޅުވެފައެވެ. 

ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ސްޕެއިންގެ ކާމިޔާބީ، މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަޙްމަތްތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުފުޅުތައް ނިންމަވާލައްވަމުން، ސްޕެއިންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ސްޕެއިންގެ ރައްޔިތުންނަށް ދާއިމީ ސުލްޙަވެރިކަމާއި، ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

ސްޕެއިނުން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދީ ފައިނަލުގައި އާޖެންޓީނާ 0-1 އިން ބަލިކޮށްގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު