ENGLISH
21 ޖުލައި 2026
ވޯލްޑް ކަޕުގެ ތައްޓާއެކު ސްޕެއިން ޓީމު އެނބުރި ޤައުމަށް، ޚާއްސަ ޕެރޭޑެއް އޮންނާނެ
20 ޖުލައި 2026
|
ސްޕެއިންގެ ކުޅުންތެރިން ވޯލްޑް ކަޕުގެ ތައްޓާއެކު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރި ސްޕެއިން ޓީމު، ކާމިޔާބީގެ އުފާފާޅުކުރުމަށްޓަކައި މިއަދު އެނބުރި ޤައުމަށް ގޮސްފިއެވެ. 26 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މި ސްކޮޑަށް މަރުހަބާ ދެންނެވީ ސްޕެއިންގެ ޝާހީ އާއިލާގެ ބޭފުޅުންނާއި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއެވެ.
މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ވެރިރަށް މެޑްރިޑުގައި ޚާއްސަ ޕެރޭޑެެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑުވަޒީރުގެ ރަސްމީގެ، މޮންކްލޯއާ ޕެލަސް ކައިރިން ފެށިގެން ސިބެލެސް ސްކޮޔަރ އާ ހަމައަށް ކުރިއަށްދާ މި ހަރަކާތުގައި، މަގުތަކުގެ ދެފަރާތަށް އެއްވާ އެތައް ލައްކަ ސަޕޯޓަރުންނެއް ޓީމަށް މަރުހަބާ ކިޔާނެއެވެ. ސިބެލެސް ސްކޮޔަރ އަކީ މީގެ ކުރިންވެސް ސްޕެއިންގެ ޓީމުތަކުން ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމަށް އެއްވާ ތާރީޚީ މައިދާނެކެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީގައި ރޭ ކުޅުނު ފައިނަލް މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ސްޕެއިން ތަށި އުފުލާލިއިރު، މިއީ 2010 ވަނަ އަހަރަށްފަހު އެ ޤައުމުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
އެތައް ހާސް ސަޕޯޓަރުންނެއް މެޑްރިޑުގައި އުފާފާޅުކުރި --- ފޮޓޯ: އޭޕީ
މި ކާމިޔާބީއާ ގުޅިގެން، މުބާރާތް ބޭއްވި ތިން ޤައުމުގެ ވެރިން ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝީންބައުމް އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.
މެޗު ނިމުމާއެކު މުޅި މެޑްރިޑުގައި އުފާފާޅުކުރުންތައް ފެށިގެންދިޔައިރު، އެތައް ހާސް ސަޕޯޓަރުން ޤައުމީ ދިދަ ހިފައިގެންނާއި ޓީމުގެ ކުލަތަކުގައި މަގުތަކަށް ނުކުމެ، ނަށާ ލަވަކިޔައި، އުފާފާޅުކުރަމުން ދިޔައެވެ. ގިނަ ބަޔަކު މިއަދުގެ ފަތިހާ ހަމައަށް މި އުފާފާޅުކުރުންތަކުގައި ބައިވެރިވިއެވެ.
2023 ވަނަ އަހަރު ސްޕެއިންގެ އަންހެން ޓީމުން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާއިރު، މި ފިރިހެން ޓީމުގެ ކާމިޔާބީއާއެކު ސްޕެއިން ވެފައިވަނީ އެއްފަހަރާ ދެ ޖިންސުގެ ވޯލްޑް ކަޕް ތަށި އޮތް ފުރަތަމަ ޤައުމަށެވެ.