ENGLISH

21 ޖުލައި 2026

Advertisement

ސްޕެއިންގައި ތިބި ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިންގެ ހުނަރާ މެދު ފަޚުރުވެރިވޭ: ޑެ ލަ ފުއެންޓޭ

20 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ ތައްޓާއެކު ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް، ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި، ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ސްޕެއިން ސާބިތުވެގަތުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތާރީފުކޮށްފިއެވެ.

އުމުރުން 65 އަހަރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ ދުވަސްވީ ކޯޗުގެ ޝަރަފު ހޯދި ޑެ ލަ ފުއެންޓޭ ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ސްޕެއިނަށް ކާމިޔާބުކޮށްދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން މިހާރު ވަނީ ބަލިނުވެ ވިދިވިދިގެން 38 މެޗު ހަމަކޮށް، ރިކޯޑެއް ގާއިމުކޮށްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޑެ ލަ ފުއެންޓޭ ބުނީ މި ޚާއްސަ ފަލްސަފާގެ މަތީގައި ތަރުބިއްޔަތުވެ، އެ އުސޫލުތަކުގައި ސާބިތުވެ ތިބެ، ޓީމެއްގެ ގޮތުގައި އަދި އެއް އާއިލާއެއްގެ ގޮތުގައި ނަމޫނާ ދެއްކި ފުޓްބޯޅަ ކުޅުންތެރިންގެ މި ޖީލާ މެދު އޭނާ ނުހަނު ފަޚުރުވެރިވާ ކަމަށެވެ. އަދި އެއީ އާދަޔާޚިލާ ހުނަރުވެރި، ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންތަކެއްކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން މި ޖީލުގެ ކުޅުންތެރިންނާއެކު ފުޓްބޯޅައިގެ ހުރިހާ ކާމިޔާބީއެއް ހާސިލުކުރެވިފައިވާތީ އެކަމާ ނުހަނު އަސަރުކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މުޅި މުބާރާތުގައިވެސް ސްޕެއިން ކޮޅަށް ވަނީ އެންމެ ލަނޑެކެވެ. ނަމަވެސް ފައިނަލް މެޗުގައި އާޖެންޓީނާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް 115 މިނެޓު ވަންދެން ސްޕެއިނަށް ދަތިތަކަކާ ކުރިމަތިވިއެވެ. އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

"މި މެޗުގެ ނަތީޖާ މާ ކުރިން ނެރެވޭން ޖެހޭނެ. އެކަމަކު މިއީ ވޯލްޑް ކަޕް ފައިނަލެއް، އަދި 10 ކުޅުންތެރިންނާ ދެކޮޅަށް ކުޅޭއިރުވެސް އިންތިހާއަށް މަސައްކަތް ކުރަން ޖެހޭނެ. އަހަރެމެން މިތިބީ ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރަށް،" ޑެ ލަ ފުއެންޓޭ އިތުރަށް ބުންޏެވެ.

ވޯލްޑް ކަޕުގެ ތައްޓާއެކު ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒް --- ފޮޓޯ: އޭޕީ

އެއީ 47 މިލިޔަން ރައްޔިތުން ޖެހި ލަނޑެއް: ޓޮރޭޒް

މެޗުން މޮޅުވި ލަނޑު ޖަހައިދިން ފެރާން ޓޮރޭޒް ބުނި ގޮތުގައި، އެ ލަނޑަކީ މުޅި ސްޕެއިންގެ ލަނޑެކެވެ. އަދި މުބާރާތުގައި އޭނާގެ ކުޅުމަށް އަމާޒުވި ފާޑުކިޔުންތަކަށްފަހު، އެންމެ ފަހުން ޓީމަށް ކާމިޔާބީ ހޯދައިދެވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

"އެއީ 47 މިލިޔަން ރައްޔިތުން ޖެހި ލަނޑެއް. އެއީ ހަމައެކަނި އަހަރެންގެ ނުވަތަ ޓީމުގައި ތިބި 26 ކުޅުންތެރިންގެ ލަނޑެއް ނޫން. އެއީ ހަމަ އެގޮތަށް ވާން އޮތް ކަމެއް،" އޭނާ ބުންޏެވެ.

ޓޮރޭޒް އިތުރަށް ބުނީ ކޮންމެ ފައިނަލަކީ ވެސް އުނދަގޫ މެޗެއް ކަމަށާއި، ވަކިން ޚާއްސަކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ ދެކޮޅަށް ކުޅޭއިރު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އިހުސާސްވާ ކަމަށެވެ. ނަމަވެސް ސްޕެއިނުން ކުޅުނީ މާ މޮޅު ފުޓްބޯޅައެއްކަން އޭނާ ފާހަގަކުރިއެވެ. "މުޅި މުބާރާތުގައި އަހަންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި. އެކަމަކު އަހަންނަށް މި މަސައްކަތުގައި ކުރިއަށްދިޔުމުގެ ހިތްވަރު ލިބުނު،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު