ENGLISH
21 ޖުލައި 2026
ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީއަށް
20 ޖުލައި 2026
|
ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް ކާމިޔާބުކުރި ރޮޑްރީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އާޖެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް، ސްޕެއިން މުބާރާތުގެ ތަށި އުފުލާލިއިރު، އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ރޮޑްރީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ "ގޯލްޑަން ބޯލް" ހޯދައިފިއެވެ.
ފައިނަލް މެޗަށް ކުރިމަތިލިއިރު މި އެވޯޑު ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ނަމަވެސް ކުރިން ބަލޮންޑޯ އެވޯޑުވެސް ހޯދާފައިވާ ރޮޑްރީ މި ޝަރަފުވެރި އެވޯޑު ކާމިޔާބުކުރީ މުޅި މުބާރާތުގައި އޭނާ ދެއްކި ފާހަގަކޮށްލެވޭ މޮޅު ކުޅުމާ އެކުގައެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ގިނަ ކާމިޔާބު ޕާސްތައް ދިނުމާއި، އިދިކޮޅު ޓީމުގެ ޑިފެންސް ރޫޅާލުމަށް ދޭ "ލައިން ބްރޭކިންގ" ޕާސްތަކުގައިވެސް އެއްވަނައިގައި އޮތީ ރޮޑްރީއެވެ. މީގެ އިތުރުން އޭނާއަކީ މުޅި މުބާރާތުގައި ބޯޅައިގައި އެންމެ ގިނައިން ފައިލި ކުޅުންތެރިޔާއަށް ވާއިރު، އިދިކޮޅު ޓީމު އަތުން ބޯޅަ ހޯދުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޭނާ ހިމެނެނީ ފަސްވަނައިގައެވެ.
މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން، މުބާރާތުގެ އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނީ އެ ޓީމުގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީ އަށެވެ. އޭނާ މި މަގާމު ހޯދީ ޓީމުގައި ހިމެނޭ 19 އަހަރުގެ ލަމީން ޔަމާލްއާ ވާދަކޮށެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު އެންމެ މޮޅު ގޯލްކީޕަރަށް ދޭ "ގޯލްޑަން ގްލޯވް" ކާމިޔާބުކުރީ ސްޕެއިންގެ އުނާއި ސިމޯނެވެ. އޭނާ ކޮޅަށް މި މުބާރާތުގައި ވަދެފައިވަނީ އެންމެ ލަނޑެކެވެ.
ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު އުނާއި ސިމޯން، އެންމެ މޮޅު ކުޅުންތެެރިޔާ ރޮޑްރީ އަދި އެންމެ އުއްމީދީ ކުޅުންތެރިޔާ ޕައު ކުބާސީ --- ފޮޓޯ: ގެޓީ
ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ "ގޯލްޑަން ބޫޓު" ގެ ރޭހުންވެސް މެސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މި މުބާރާތުގައި 10 ލަނޑު ޖަހައިގެން ގޯލްޑަން ބޫޓު ހޯދީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއެވެ. މިއީ ވިދިވިދިގެން ވޯލްޑް ކަޕެއްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދި ދެވަނަ ފަހަރެވެ.
މި ހަފުތާ ބަންދަށް ކުރިމަތިލިއިރު މެސީ އާއި އެމްބާޕޭ ތިބީ ކޮންމެ ކުޅުންތެރިއަކު 8 ލަނޑު ޖަހައިގެން އެއްވަރުވެފައެވެ. ނަމަވެސް ރޭ ތިންވަނަ ހޮވި މެޗުގައި އިނގިރޭސިން އަތުން 6-4 ގެ ނަތީޖާއަކުން ފްރާންސް ބަލިވި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި ރޭހުގެ ކުރި ހޯދާފައެވެ. މިއާއެކު ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑުވެސް ޖުމްލަ 22 ލަނޑާއެކު މިހާރު އޮތީ އެމްބާޕޭ އަތުގައެވެ.
ފައިނަލް މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު މެސީ، އޭނާގެ ހަވަނަ ވޯލްޑް ކަޕް ނިންމާލީ މުބާރާތުގެ ތާރީޚުގައި ޖުމްލަ 21 ލަނޑު ހަމަކޮށްގެންނެވެ. ބެލެވޭ ގޮތުގައި މިއީ އޭނާ ފެންނާނެ ފަހު ވޯލްޑް ކަޕެވެ.
މީގެ އިތުރުން މި ފަހަރުގެ ވޯލްޑް ކަޕުގެ ފެއާޕްލޭ އެވޯޑު ހޯދީ ނެދަލެންޑްސްއިންނެވެ. މި ފަހަރުގެ މުބާރާތުން ނެދަލެންޑްސް ކެޓީ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ބަލިވުމުންނެވެ.