ENGLISH

20 ޖުލައި 2026

Advertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

19 ޖުލައި 2026

|

އާމިނަތު ނުޒްލާ

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސެޝަނެއްގެ ތެރެއިން. ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި އަމުރު ނެރެފައިވަނީ އެ ޖަމިއްޔާއިން ވަކިކުރި މުވައްޒަފަކަށް ދޭންޖެހޭ ބަދަލުގެ ފައިސާ ނުދީ އޮތް މައްސަލައަކާ ގުޅިގެންނެވެ.

ރާއްޖޭގައި ބޭރުގެ އެކި ފަންޑުތަކުގެ އެހީގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓަށް ހުށަހެޅީ އެ ޖަމިއްޔާގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އަލީ ޝަރީފްގެ ފަރާތުންނެވެ. އޭނާގެ ފަރާތުން މި މަހުގެ ފަސްވަނަ ދުވަހު ކޯޓަށް ހުށަހެޅި މި މައްސަލާގައި، އެކައުންޓް ފްރީޒްކޮށްގެން ނަމަވެސް އޭނާއަށް ލިބެންޖެހޭ ފައިސާ ނަގައިދިނުމަށް ވަނީ އެދިފައެވެ.

މި މައްސަލައިގެ ފެށުމަކީ އަލީ ޝަރީފާއި ޓްރާންސްޕޭރެންސީއާ ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް އެ ޖަމިއްޔާއިން އަމަލުކުރި ކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ. އަލީ ޝަރީފަށް އެހެން ޖަމިއްޔާއަކުން ވަޒީފާ ލިބުނުކަން އެންގުމުން، އޭނާއާ ދެމެދު އޮތް އެއްބަސްވުމާ ހިލާފު ތާރީހެއްގައި ވަޒީފާއިން ވަކިވާން ޖަމިއްޔާގެ ވެރިން އެންގި ކަމަށް އޭނާ ބުނެއެވެ. އަދި އެ ދުވަހުން ފެށިގެން އޭނާއަށް އެކި ކަހަލަ ފުރައްސާތަކާއި ތަފާތުކުރުންތައް ކުރިމަތިކުރުވުމުން، ވަޒީފާއިން ވަކިވުމަށް މަޖުބޫރުވެގެން ނޯޓިސް ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އަލީ ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އޭނާ އަލުން ވަޒީފާއަށް ރުޖޫއަކުރުމަށާއި، ވަޒީފާއިން ވަކިވި ތާރީހުން ފެށިގެން މައްސަލަ ނިމުނު ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތުގެ ގޮތުގައި 356,932 ރުފިޔާ ދިނުމަށް ޓްރާންސްޕޭރެންސީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރިއެވެ.

ޓްރައިބިއުނަލްގެ މި ނިންމުން ޓްރާންސްޕޭރެންސީން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ހައި ކޯޓުންވެސް ވަނީ ޓްރައިބިއުނަލްގެ ހުކުމަށް ތާއިދުކޮށްފައެވެ. އެއަށްފަހު، ހުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން، މިދިޔަ މަހު، ތިން ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް އެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ، ކޯޓުން މިއަދު މިވަނީ އެ ޖަމިއްޔާގެ އެކައުންޓްތައް ފްރީޒްކޮށް، އެ ފައިސާ ކޯޓު މެދުވެރިކޮށް އަލީ ޝަރީފަށް ހަވާލުކުރުމުގެ އަމުރެއް ނެރެފައެވެ.

މިކަމާ ގުޅިގެން އަލީ ޝަރީފްގެ ވަކީލުންގެ ޓީމުން ބުނީ، ކޯޓުގެ އަމުރު މިއަދު ލިބިފައިވާ ކަމަށާއި، މިއީ ހައްގު ހޯދުމަށް ކުރި މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު