ENGLISH

20 ޖުލައި 2026

Advertisement

ފްރާންސްގެ ކޯޗުކަމުން ދުރަށްދާން ނިންމީ ހާލަތު އުނދަގޫވުމުގެ ސަބަބުން: ޑެޝޯމްޕްސް

19 ޖުލައި 2026

|

އިސްމާއިލް ޝާހު

ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވި ޑިޑިއޭ ޑެޝޯމްޕްސް --- ފޮޓޯ: ރޮއިޓަރސް

ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވި ޑިޑިއޭ ޑެޝޯމްޕްސް، 14 އަހަރަށްފަހު އެ މަގާމުން ދުރަށްދާން ނިންމީ ހާލަތު އުނދަގޫވުމުގެ ސަބަބުން ކަމަށް އޭނާ ބުނެފިއެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވި މެޗުގައި އިންގްލެންޑް އަތުން 6-4 ގެ ނަތީޖާއަކުން ފްރާންސް ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ، މުބާރާތަށްފަހު އެއްބަސްވުން ހަމަވުމުން މަގާމުން ވަކިވާނެކަން އޭނާ މިދިޔަ އަހަރުވެސް އިއުލާންކޮށްފައިވާނެ ކަމަށެވެ.

ޑެޝޯމްޕްސް ބުނީ، "އަހަރެން ނިންމީ މިކަން މިހިސާބުން ނިންމާލަން. އަދި މި ނިންމުން ނިންމީ ހަމައެކަނި އަހަރެންގެ އަމިއްލަ ފައިދާއަކަށް ނޫން. މިއީ ވަރަށް ތެދުވެރިކަމާއެކު ބުނާ ވާހަކައެއް. މިއީ ފްރާންސް ޓީމުގެ ލާބައަށްޓަކައި ނިންމި ނިންމުމެއް. ސަބަބަކީ އަހަރެންގެ ވަށައިގެން އޮތް މާހައުލު އޮތީ ވަރަށް ބޮޑަށް އުނދަގޫ ހާލަތަކަށް ގޮސްފައި. ފްރާންސްގެ ޤައުމީ ޓީމަކީ އެފަދަ ކަންކަން ހައްގުވާ ޓީމެއް ނޫން."

ދުނިޔޭގެ އެންމެ ހުނަރުވެރި ފޯވާޑުން ފްރާންސް ޓީމުގައި ތިބި ނަމަވެސް، ކުޅުމުގެ ފޯރިއަށްވުރެ ބޮޑަށް ޓީމުގެ ބެލެންސް ހިފެހެއްޓުމަށާއި، އަދަބު އަޚުލާގަށާއި، ނަތީޖާ ނެރުމަށް ޑެޝޯމްޕްސް އިސްކަންދޭތީ ބައެއް ފަހަރު އޭނާއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އޭނާ އިތުރަށް ބުނިގޮތުގައި، މަގާމުން ވަކިވާނެކަން އިއުލާންކުރި ފަހުން ފްރާންސް ޓީމުގެ ކަންކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.

2012 ވަނަ އަހަރު ކޯޗުކަމާ ހަވާލުވި ޑެޝޯމްޕްސް ތާރީޚުގައި ލިޔެވިގެންދާނީ، 1998 ވަނަ އަހަރު ކެޕްޓަނެއްގެ ގޮތުގައި ފްރާންސަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށްފަހު، އޭގެ 20 އަހަރު ފަހުން 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި އެގައުމަށް ދެވަނަ ވޯލްޑް ކަޕް ތަށި ހޯދައިދިން ކާމިޔާބު ޝަޚުސިއްޔަތެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު