ENGLISH
21 ޖުލައި 2026
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފި
20 ޖުލައި 2026
|
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ބައްދަލުވުންތައް ފެށުން.
އެންމެ މަޤްބޫލު
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަކާދަތަކާއި ސުލޫކީ ސިފަތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭނުންވާ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުންތައް އެ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދުއެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހިންނަކީ ޒަމާނުއްސުރެ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރާ އަދި މެހެމާންދާރީއަށް ލޯބިކުރާ ބައެއްކަން ތާރީޚީ ލިޔެކިޔުންތަކުން އެނގެން އޮތް ނަމަވެސް، ފަހަކަށް އައިސް މުޖުތަމަޢުން އެ ރީތި ސިފަތައް ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން މިއީ މުޅި މުޖުތަމަޢުގެ އެންމެންގެ ޚިޔާލާއި މަޝްވަރާގެ މަތިން، އެ ރިވެތި އާދަތައް އަލުން އަށަގެންނެވުމަށް ފެށި މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިއީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެއް ކަމަށް ވިދާޅުވެ، މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން މުހިންމު ޚިޔާލުތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ކްލަބް ޖަމުޢިއްޔާތަކާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
"މި ސިފަތައް ގެއްލި ދިޔަނުދިނުމަށްޓަކައި، ދިވެހިންގެ ރީތި އުޅުމާއި ގުޅުން އިޔާދަކޮށް ތަރައްޤީކުރުމުގެ ޤައުމީ ތަޞައްވަރެއް އެކުލަވައިލައި، 'އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް' މި އަހަރު ފަށައި، އިޙްތިރާމުކުރުމުގެ ސިފައަށަގެންނެވުމުގެ ޤައުމީ ކެމްޕޭނެއް މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން،" ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.