ENGLISH

21 ޖުލައި 2026

Advertisement

2030 ގެ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ހުށަހަޅައިފި

21 ޖުލައި 2026

|

އިސްމާއިލް ޝާހު

ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް --- ފޮޓޯ: ރޮއިޓަރސް

ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ، ކޮންމެބޯލްއިން 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުން އައިސްފައިވަނީ އުތުރު އެމެރިކާގައި ފުރަތަމަ ފަހަރަށް 48 ޓީމާއެކު ބޭއްވި މުބާރާތް ނިމުނުތާ އެންމެ ދުވަހެއް ފަހުންނެވެ.

ކޮންމެބޯލްގެ ރައީސް އަލެހަންދްރޯ ޑޮމިންގޭޒް މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ކެމްޕޭނެއްގައި، ވޯލްޑް ކަޕަށް 100 އަހަރު ފުރޭ މުބާރާތުގައި ޓީމުތަކުގެ އަދަދު އިތުރުކުރުމަށް ފީފާއަށް ވަނީ ގޮވާލައްވާފައެވެ.

"ދެން އޮތް މުބާރާތް އޮތީ އަހަރެމެންގެ ގޭގައި! 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި،" ޑޮމިންގޭޒް ލިޔުއްވާފައިވެއެވެ. "މިއީ ފުޓްބޯޅައަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް. 64 ޓީމާއެކު މުބާރާތް ބާއްވައިގެން ވޯލްޑް ކަޕުގެ 100 ވަނަ އަހަރު ފާހަގަކުރުމަކީ ވަރަށް ރަނގަޅު ކަމެއް."

މި ހުށަހެޅުމާ ގުޅޭގޮތުން ފީފާއިން އަދި މިހާތަނަށް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާރު ފާސްކޮށްފައިވާ ގޮތުން 2030 ވަނަ އަހަރުގެ މުބާރާތް މައިގަނޑު ގޮތެއްގައި ބާއްވާނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައެވެ. ނަމަވެސް 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މުބާރާތުގެ ފުރަތަމަ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައެވެ.

ކިޔުންތެރިންގެ ހިޔާލު