ENGLISH

21 ޖުލައި 2026

Advertisement

ނޭނގި ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް

21 ޖުލައި 2026

|

އައިމިނަތު ޝަފާ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން.

ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވުމުގައި އޮންލައިން ނިޒާމަށް އަމަލުކުރަން ފެށި ފަހުން ނޭނގި މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.  

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސްދީފައިވާކަމަށެވެ. އެގޮތުން "ސިމެދަ" ޕޯޓަލާއެކު ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ފަސޭހަކުރެވިއްޖެ ކަމަށް ހަސަން ވިދާޅުވިއެވެ.

ޕޯޓަލާއެކުވެސް މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ފެންމަތިވެ އެކަމުގެ ޝަކުވާތައް ކޮމިޝަނަށް ހުށަހަޅަމުންދިޔަ ކަމަށާއި އީފާހުގެ ތެރެއިން ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން ބަދަލުކުރީ އެކަން ހައްލު ކުރުމަށް ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ މީގެ ކުރިން ޕާޓީތަކަށް ވައްދާ މީހުންގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުނުކުރެވޭކަމަށެވެ. ސަބަބެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގާއިރު އެކަންްކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމެވެ. 

"ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް އީފާސް ބޭނުންކުރަން ފެށިފަހުން ނޭނގި ރަޖިސްޓްރީކުރުމުގެ ޝަކުވާއެއް ނާދޭ. އަދި އަޅުގަނޑުމެން ގަބޫލުކުރަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ހަމައަށްވެސް ނާންނާނެކަމެއް. އަޅުގަނޑުމެން ދޭ ޔަގީންކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީއެއް ނުކުރެވޭނެކަން. އެއް ޕާޓީން އަނެއް ޕާޓީއަކަށްވެސް ނުކުރެވޭނެކަން،" ހަސަން ވިދާޅުވިއެވެ. 

މިހާރު މި އޮތް ނިޒާމުގެ ތެރެއިން އޮންނާނީ ސައްހަ ދަފުތަރުތަކެއް ކަމުގެ ޔަގީންކަން ހަސަން ދެއްވިއެވެ. 

ހަސަން ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުންކުރާ މަސައްކަތްތައް ބިނާވެގެންދާނީ ޕާޓީތަކާއި އާންމު މެންބަރުންނަށް ދިމާވާ ދަތިތަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ހައްލުތައް ހޯދައިދިނުމަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު