ENGLISH

21 ޖުލައި 2026

Advertisement

ސްޕެއިންގެ ކާމިޔާބީ ފާހަގަކުރުމަށް ދެ މިލިޔަނެއްހާ މީހުން މަގުތަކަށް

21 ޖުލައި 2026

|

އިސްމާއިލް ޝާހު

ސްޕެއިންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

ސްޕެއިންގެ ޤައުމީ ފުޓްބޯޅަ ޓީމުން ދެވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުފާފާޅުކުރުމުގެ ގޮތުން، ވެރިރަށް މެޑްރިޑުގެ މަގުތަކުގައި ބޭއްވި ޚާއްސަ ޕެރޭޑުގައި އެތައް ހާސް ސަޕޯޓަރުންނެއް ބައިވެރިވެއްޖެއެވެ. "ކިންގްސް އޮފް ދަ ވޯލްޑް" ޖަހާފައިވާ އަދި ދެ ތަރި ކުރަހާފައިވާ ބަހެއްގައި ކުޅުންތެރިން ވަނީ ނަށާ ލަވަކިޔައި، އެ މީހުންގެ ކާމިޔާބީ ފާހަގަކޮށްފައެވެ.

ގާތްގަނޑަކަށް ދެ މިލިޔަނެއްހާ މީހުން ސްޕެއިންގެ ޖާޒީގައި ރަތާއި ރަންކުލައިގެ ދިދަ ހިފައިގެން މެޑްރިޑުގެ މަގުތަކަށް އެއްވީ، އާދީއްތަ ދުވަހުގެރޭ އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީގައި ކުޅުނު ފައިނަލް މެޗުގައި އާޖެންޓީނާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ ހޯދި ކާމިޔާބީ ފާހަގަކުރުމަށެވެ.

ސްޕެއިންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

"ވީ އަރ ޗެމްޕިއަންސް" ޖަހާފައިވާ ޓީޝާޓުތަކުގައި ތިބި ކުޅުންތެރިން ދިޔައީ ސަޕޯޓަރުންނަށް އަތްހޫރުވައި، ބައެއް ބޯޅަތައް އެމީހުންގެ ތެރެއަށް އުކަމުންނެވެ. އަދި ބައެއް ކުޅުންތެރިން، އޭގެ ތެރޭގައި ފޯވާޑް ބޯޖާ އިގްލެސިއަސް ފަދަ ކުޅުންތެރިން ބަހުގެ މަތީގައި ތިބެގެން މިއުޒިކް ޖަހަމުން ދިޔައެވެ. ބަހުގެ އެކި ފަރާތްތަކުގައި "ސްޓަރސް ޝައިން ޓުގެދަރ" މިފަދަ ޝިއާރުތައް ލިޔެފައިވެއެވެ.

މި ހަރަކާތް ފެށުމުގެ ކުރިން، ސްޕެއިންގެ ރަސްގެފާނު ފެލިޕޭ އާއި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ކުޅުންތެރިންނާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. މި ދެ ބޭފުޅުންވެސް ވަނީ ނިއު ޖާޒީގައި އޮތް ފައިނަލް މެޗު ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.

ސްޕެއިންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

"ކުޅުންތެރިންނާއި މުޅި ޓީމުން ދެއްކި ހިތްވަރާއި، ކުޅުމުގެ ވައްޓަފާޅި އަދި މި ހޯދި ބޮޑު ކާމިޔާބީއަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވިއެވެ. މީގެ އިތުރުން، 2030 ވަނަ އަހަރު ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައި ބާއްވާ ވޯލްޑް ކަޕުގައި ސްޕެއިނުން ތިންވަނަ ފަހަރަށް ތަށި އުފުލާލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު